ރަސްމާލެއާ ދެކޮޅަށް ދައްކަނީ މަޝްރޫއު ހުއްޓުވަން ދައްކާ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: ރައީސް
25 ސެޕްޓެމްބަރު 2026 - 17:40

ރަސްމާލެއާ ދެކޮޅަށް ދައްކަމުންދަނީ އެ މަޝްރޫޢު ހުއްޓުވުމުގެ ބޭނުމުގައި ދައްކާ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި ތަޞައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެނައުމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވަރަށް އީގަލް ހިލްސް މަޝްރޫޢާއެކު އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫޢެއް ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށްގެންދާއިރު އެއަށް ފާޑުކިޔަނީ ޤައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށާއި، ތިމާއަކީ ފުރަތަމަ ދިވެހި ރައްޔިތެއްކަން ހަނދާންނެތޭ ހިސާބަށް ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ވިސްނުން އިސްކުރާކަމީ ހިތާމަވެރި ޙަޤީޤަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް،" ރައީސް ވިދާޅުވިއެވެ.
ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ
ރަސްމާލޭގެ ބިން ވިއްކައި މިލްކުކޮށްދިން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ބިން މިލްކުކޮށްދިނުމަކީ ޤާނޫނުއަސާސީން މަނާކަމެއް ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއް ކުރިއަށް ނުގެންދަވާނެ ކަމަށެވެ. އަދި ބިން ދޫކުރަނީ ކުއްޔަށް (ލީސް އުސޫލުން) ކަމަށާއި، ބިން މިލްކުވާން އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، އީގަލް ހިލްސްއާއެކު އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިހާރުވެސް ޢަމަލުކުރާ އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ސޮވްރިން ގެރެންޓީއެއް ދީގެން ނުވަތަ ސަރުކާރުން ލޯނެއް ނަގައިގެން އަދި ޓެކްސް ކޮންސެޝަނާއި ޑިއުޓީ އެގްޒެމްޕްޝަން ފަދަ އެއްވެސް ލުޔެއް އެ ކުންފުންޏަށް ދީފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ، އުމްރާނީ އަދި އިޖުތިމާޢީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށާއި، މީގެ ސަބަބުން ޤައުމުގެ ޖީޑީޕީ މަތިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


