2040 އަށް އެކުލަވާލާ މާސްޓަރޕްލޭން ޙިމާޔަތްކުރަން ޚާއްޞަ ޤާނޫނެއް ހަދަނީ
25 ސެޕްޓެމްބަރު 2026 - 18:31

ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމުގެ ގޮތުން ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި މީގެ ކުރިން ކަންތައްތައް ހިނގަމުން އައި ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އަނެއް ސަރުކާރެއް އައުމުން ހުއްޓި، ޤައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ކުރިއެރުންތައް ނުލިބި، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކުރެވޭނެ ގޮތެއް ހެދުމަށް ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބައިނަލްއަޤުވާމީ މައިދާނާއި އިޤްތިޞާދީ ކަންކަން
މި މާސްޓަރޕްލޭނާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ ބޭނުމަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މަސައްކަތްކުރާކަން ހާމަކޮށްދިނުން ކަމަށެވެ. މީގެއިތުރުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު ސޮއިކުރުމަށް މަސައްކަތްކުރަމުންދާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓްގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގެ ރިޒާވަށް ބަލާއިރު، މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ އިތުރުން ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލެ މަޝްރޫޢާއި އެހެނިހެން ކަންކަން
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 ނުވަތަ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، ބިން މިލްކު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫޢަށް ސަރުކާރުން ސޮވަރިން ގެރެންޓީއެއް، ޓެކްސް ކޮންސެޝަނެއް އަދި އިމްޕޯޓް ޑިއުޓީގެ ލުއިތަކެއް ނުދޭނެކަމަށާއި، ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް މިކަމުން އެއްވެސް ނޭދެވޭ ބަދަލެއް ނާންނާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދުވަސްވަރު އިމްތިޙާނުތަކުގައި ބައިވެރިވަމުންދާ ދަރިވަރުންނަށް ކިޔެވުމާއި، ކުޅިވަރާއި، ދީނީ ކަންކަން އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.


