އެމްޑީޕީ ޕްރައިމަރީ ކެންޑިޑޭޓުންގެ ވަނަވަރު، ސަޅި ދޯ!
27 ސެޕްޓެމްބަރު 2026 - 10:39

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ދަހިވެތިވެފައިވާ ބިކާރީންނާއި ބޭކާރީން ހޮރުތަކުން ނިކުމެ ބޯދިއްކުރަން މިވަނީ ފަށާފަ އެވެ. ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓި، ފެއިލްވެފައިވާ ހަތަރު މީހަކު މިހާރުވެސް އެ ޓިކެޓަށް ހިފައި، ކޯޅެން ފަށައިފި އެވެ. ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެވުނު ކަމަށް މީގެތެރެއިން ކޮންމެ މީހަކު މޭފުއްޕާފައި ބުނާތީ އަޑުއިވެ އެވެ. އެކަމަކު ކުރި ކަމެއް ހެކިވާނެ މީހަކު ނެތުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ.
ގައުމު ފަސާދަކޮށް، ފަނާކުރުމުގެ ރެކޯޑެއް އޮތް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރަނީ، ދައުލަތުގެ ފައިސާގައި މުޅި ދުނިޔެ ވަށައި އުދުހުނު ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ގައުމުގެ އާމްދަނީ އިތުރުވާ ފަދަ ބޮޑު އިންވެސްޓްމަންޓެއް ހޯދައި ނުދެވުނު ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލާއި، ކެމަރާ ކުރިމަތީގައި އެކްޓްކުރުމުގެ ހުނަރު ހުރި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމާއި، އަމިއްލަ ކުންފުންޏެއްގެ ނިވަލުގައި ހުރެ ދައުލަތުގެ އެކި މަޝްރޫއުތަކުން މާލީ މަންފާތަކެއް ލިބެމުންދާ ކުރީގެ ވަޒީރު އަދި މިހާރުގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު އެވެ.
.png&w=750&q=75)
Ad by Hajj Corporation
އަބްދުﷲ ޝާހިދުގެ ޝަހްސިއްޔަތު، ވާދަވެރިން ސިފަކުރަނީ ހިޔަޅެއްގެ އުޅުން ހުންނަ މީހެއްގެ ގޮތުގައެވެ. ހިޔަޅަކީ ޖަންގަލީގައި ދިރިއުޅޭ މަހްލޫގުންގެ ތެރެއިން އެންމެ މަކަރުވެރިކޮށް ދިރިއުޅެމުންދާ މަހްލޫގެވެ. މުޅި ދުނިޔޭގައި އުދުހި އަމިއްލަ ނަފްސު ޕްރޮމޯޓް ކުރަމުން ދުވިއިރު އެ ހުރިހާ ކަމަކަށް ހަރަދުކުރީ ދައުލަތުގެ ފައިސާއިންނެވެ. ވަޒީރުކަމުގައި ހޭދަކުރި ފަސް އަހަރުގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަހު ހުރީ އެމެރިކާގައެވެ. ދައުރުގެ ބާކީ އެތައް ދުވަހެއް ހޭދަކުރީ އެކި ގައުމުތަކުގައި މަޖާ ނެގުމުގައެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައީމުކަމުގައި ޑީއާރްޕީގެ ތެރޭގައި ހުރެގެން މަޖިލިސް ރައީސްކަން ދަމައިގަތުމަށްފަހު، ފައިސާއަށް އެމްޑީޕީއަށް ބަދަލުވުމުގެ އެންމެ ހުތުރު މަންޒަރު ދެއްކުމުގެ ރެކޯޑު އޮތީވެސް ޝާހިދު އަތުގައެވެ. އެމްޑީޕީގެ އާންމު މެންބަރުން ދެކޭ ގޮތުގައި ބަޣާވާތަކުން އެމްޑީޕީގެ ފުރަތަމަ ވެރިކަން އިންގިލާބުކޮށްލި އެއް ހިޔާނާތްތެރިޔަކީ ޝާހިދުއެވެ.
ފައްޔާޒު ސިފަކުރާ މީހުން ބުނާ ގޮތުގައި އޭނާއަކީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފަސް އަހަރު ވަޒީރުކަންކޮށް، ލޯލާރިއެއްވެސް ދައުލަތަށް ހޯދައިނުދެވުނު ރޯނު އެދުރެކެވެ. މަގާމުގައި ހުރެގެން ފައްޔާޒަށް ކުރެވުނު އެންމެ ސަޅި އެއްކަމަކީ ދަރަނި މައްޗަށް ދަރަނި އިތުރުވަމުން ދިޔައިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ނަމުގައި ހިޔާނާތަށް މަގުފަހިކުރަން ޒާތެއްގެ ބޭންކެއް ހެދުމެވެ. އެތަނުން ފައްޔާޒުގެ ގާތް އެތައް ބަޔަކަށް ލޯނު ދީ މުޅި ބޭންކިން ނިޒާމު ފުނޑާލުމުގެ މޭސްތިރިޔަކީވެސް ފައްޔާޒުއެވެ. ސޯލިހްގެ ވެރިކަމުގައި ގައުމު ދަރުވާލި ބައިގަނޑުގެ ތެރޭގައި ފައްޔާޒު ހުރީތީ ބައެއް އާންމު ދެކޭ ގޮތުގައި އޭނާއަކީ ބަގުރޫޓްވެފައި ހުރި ސިޔާސީ ބޭކާރީއެކެވެ. ރުޅިވެރިކަމާއި ރުންކުރުކަމާއެކު މީހުންނާ ވާހަކަދެއްކުމުގައި ފައްޔާޒަށް ލިބިފައިވާ އާދާޔަ ހިލާފު ހުނަރަކީ އޭނާއަށް އޭ ރިޕޯޓެއް ލިބޭ ހަމައެކަނި ސިފައެވެ.
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމަކީ އެއްވެސް ދިމާލެއްގައި ކަމެއް އޮތް ނަމަ ވީޑިއޯ ކޮށްލާނެ ކުއްޖެއް ހޯދައިގެން ފިލްމު ކުޅުމުގައި އާދަޔާ ހިލާފު ހުނަރެއް ހުރި މީހެކެވެ. ސޯލިހް ވެރިކަމުގައި އައިޖީއެމްއެޗްގެ މައިގޭޓް ހިޔާކޮށްލަން ދެގަނޑު ޓިނު ބާއްވާލުމުން، ކެމަރާމަނުންނާއެކު ފައިސަލް އެތަނަށް ގޮސް ގައުމީ ބޮޑު މަޝްރޫއެއް ގޮތަށް އެތައް ހުޅުވައިދީފައިވެއެވެ. ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު ރަނިންމޭޓްކަން ނުދިނުމުން ރުޅިގަނޑު ފަޅައިގެން ގޮސް ކެމްޕޭންގައި ބައިވެރިވުމަށްވެސް ފައިސަލް ވަނީ ދެކޮޅު ހަދާފަ އެވެ. ސިޔާސީ ހަޔާތުގެ ބޮޑު ބައި ޖުމްހޫރީ ޕާޓީގައި ހޭދަކުރި ފައިސަލް، އެމްޑީޕީގައި މާވަރުގަދަ މީހަކަށް ވާން ބޭނުންވި ނަމަވެސް އެ ޕާޓީގެ އާންމު މެންބަރުން ތިބީ އެ ފުރުސަތު ދޭގޮތަކަށް ނޫނެވެ.
ޑރ. އަހްމަދު ޝަމްހީދަކީ ވެރިކަން ކުރަން އެނގިވަޑައިނުގެން، ގައުމާއި ރައްޔިތުން ދޫކޮށްލުމަށްފަހު، އަމިއްލަފުޅަށް ގެއަށް ވަޑައިގެންނެވި، ގ. ކެނެރީގެ މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމާއެކު، ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރެވެ. އެކަމަކު އޭނާއަށް ވަޒީރުކަން ހޯދައިދިން މީހާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ގަދަފައި ވިއްދައި، ބޮޑާހާކަން ފެށުމުން ރައީސް ވަހީދު ވަނީ މާގިނަ ދުވަސްތަކެއް ނުކޮށް ވަޒީރުކަމުން އޭނާ ވަކިކޮށް ގެއަށް ފޮނުވާލާފައެވެ. ގެއަށް ދިއުމުގެ ކުރިން ޝަމްހީދު ވަނީ އޭނާއަށް ވަޒީރުކަން ހޯދައިން މީހާގެ އެއާޕޯޓުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމުގެ އެއްބަސްވުމެއް ހަދައި ސޮއިކޮށްލާފައެވެ. އެކަންކޮށްލާފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގެން އަދި ބަންޑާރަނައިބުގެ ލަފާފުޅެއްވެސް ނެތި އަމިއްލަ އަމިއްލައަށެވެ. ޑރ. ޝަމްހީދުގެ މަސްލަހަތު އޮތް ކުންފުންޏަކުން ހުޅުމާލޭގައި މިސްކިތެއް އަޅަނީ ކަމަށް ދައްކައިގެން ދައުލަތުގެ އެތައް މަޝްރޫއަކުން މަންފޯ ހޯދައި މަހުޖަނަކަށްވީއިރު މިސްކިތް ނުނިމި އެތައް އަހަރެއް ވަނީ ފާއިތުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިވާ މިފަދަ ނުތާހިރު މާޒީއެއް އޮތް ބަޔަކާއެކު އެމްޑީޕީއަށް ހޯދޭނެ މޮޅެއް ނުފެނެއެވެ. އެކަމަކު ސިޔާސީ ގޮތުން ބިކާރީންގެ ކުނިގޮނޑަކަށް އެމްޑީޕީ ހަދާލުމުގެ ގާބިލްކަން މިހަތަރު ބޭފުޅުންގެ ފަސްބައިން ފެނިގެން އެބަދެއެވެ.


