ކުރިން މުޒާހަރާތަކުން އެތައް ސަތޭކަ ބަޔަކު ޖަލަށްލި، މި ސަރުކާރުގައި އެ މަންޒަރެއް ނުފެނޭ: މަހްލޫފް
5 އޮކްޓޯބަރު 2026 - 19:08

ކުރީގެ ސަރުކާރުތަކުގައި މުޒާހަރާތަކުން އެތައް ސަތޭކަ ބަޔަކު ޖަލަށްލި ނަމަވެސް، މި ސަރުކާރުގައި އެފަދަ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ސަފީރު މަހްލޫފް މިކަން ފާހަގަކުރެއްވީ ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ސަފީރު ވިދާޅުވީ ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ތިން އަހަރަށް ބަލާއިރު، މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮތްކަން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުން އެނގިގެންދާ ކަމަށެވެ. އަދި މި ސިޔާސީ ހަލަބޮލިކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ރަނގަޅަށް މެނޭޖްކުރައްވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކޮންގްރެސްގެ މިސާލު ނަންގަވަމުން މަހްލޫފް ވިދާޅުވީ، ރައީސް އެކަން އެގެންދަވަނީ ވަރަށް ސްމޫތުކޮށްކަމަށެވެ.
''މިސާލަކަށް ޕީއެންސީގެ ކޮންގްރެސް ފެށުނުރޭވެސް އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވި. ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވި. މިދައްކަނީ ރައީސް ނަޝީދުގެ ވެރިކަން ކަމުނުދިޔަ ސަޕޯޓަރުންވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވި ވާހަކަ،" މަހްލޫފް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ކޮންގްރެސް ތެރެއިން ބޭރުގެ އެކި ފަރާތްތަކާއި ވެރިކަން ކުރާ ޕާޓީގެ މަންދޫބުން ތިއްބާ ކަންކޮށްފައިވާ ގޮތް ކުށްވެރިކުރައްވަމުން ސަފީރު ވިދާޅުވީ، މިއަދު މިއޮތީ އެންމެން އެކައްޗެއް ކިޔައިގެން ވެރިކަމެއް ނިންމާލަން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށެވެ.
މި ސަރުކާރުން މުޒާހަރާކުރުމުގެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، މުޒާހަރާ ކުރާނެ އިތުރު ތަންތަން ހަމަޖައްސައިދީފައިވާކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ. މީގެކުރިން ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މަހްލޫފް ވިދާޅުވީ، ކުރިން މުޒާހަރާއަށް ނިކުންނަ މީހުންނަށް ހުކުމް ކުރަމުން ދިޔަ ނަމަވެސް މިއަދު އެކަން އެގޮތަށް ނުކުރާ ކަމަށެވެ.
"އަޅުގަނޑެއް އަދި އެއް ނުދެކެން ސިޔާސީ މީހަކު މުޒާހަރާކޮށްގެން ދައުވާކޮށްގެން ޖަލައް ލީތަނެއް. އެކަމަކު މުޒަހާރާކޮށްގެން ފުލުހެއް ގައިގަ ޖެހީމަ މައްސަލަ ބަލާނެ. ބަލަންޖެހޭނެ. ކޮންމެވެސް ހައްދެއް އޮންނަން ޖެހޭނެ. އެހެންވީމަ ވަރަށް ބޮޑަށް އެބަ މެނޭޖް ކުރޭ،" އިތުރަށް ވާހަކަދައްކަވަމުން ސަފީރު މަހްލޫފް ވިދާޅުވެފަވެއެވެއެވެ.

-01.jpg&w=3840&q=75)
