ނިމިދިޔަ ސަރުކާރުން އިންތިޚާބާ ދިމާކޮށް 500 އަށްވުރެ ގިނަ ކުށްވެރިން މުޖުތަމައަށް ދޫކުރި: މުހްތާޒް
6 އޮކްޓޯބަރު 2026 - 15:01

ނިމިދިޔަ ސަރުކާރުގައި ރިޔާސީ އިންތިޚާބާ ދިމާކޮށް، އުސޫލުން ބޭރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 500 އަށްވުރެ ގިނަ ކުށްވެރިންނަށް މާފުދީ ނުވަތަ އަދަބު ލުއިކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލާފައިވާ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ޚާރިޖީ ވުޒާރާގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ، އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކޮށް، އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހާމަކުރެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވައެވެ.
.png&w=750&q=75)
Ad by Hajj Corporation
މުހުތާޒު ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އެގޮތަށް ކަންކަން ކޮށްފައިވަނީ ސިޔާސީ މަންފާއަށްޓަކައި ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ނުރައްކަލަށް ހުށަހެޅިގެން ގޮސްފައެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުސޫލުތައް ހަރުދަނާ ކުރައްވައި، ސިޔާސީ ބޭނުމަށްޓަކައި ތަންފީޒީ ހުކުމްތަކުގައި ތިބޭ ފަރާތްތައް ބަންދުން ދޫކުރުމާއި ބަންދަށް ލުއިދިނުން އެއްކޮށް ހުއްޓުވާލައްވާފައި ކަމަށް މުހުތާޒު ވިދާޅުވިއެވެ. އަދި މި ވެރިކަމުގެ ދައުރު ވެގެންދާނީ ޖިނާއީ ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވިފައިވާ އެއްވެސް ކުށްވެރިއަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އަފޫއާންމު ނުދެއްވާނެ ދައުރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުހުތާޒު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ސާބިތުކަމާއެކު ދައްކަވަމުން އެ ގެންދަވަނީ އެމަނިކުފާނަށް އެންމެ މުހިންމީ ދިވެހި ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި، އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުރިހަމައަށް ފުއްދަވާނެ ކަމުގެ ޔަގީންކަން ކަމުގައެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ، ޢަބްދުﷲ އިބްރާހިމްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ގައެވެ. އޭނާގެ މައްޗަށް ދެ ގަޟިއްޔާއަކުން 12 އަހަރާއި 6 މަސް ދުވަހުގެ ތިން ހުކުމެއް އައީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުންނެވެ. އޭނާ ޕެރޯލްގެ ދަށުން މިދިޔަ މަހުގެ 29 ގައި ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށް، މިހާރު ވަނީ އަލުން ހައްޔަރުކޮށްފައެވެ.

-01.jpg&w=3840&q=75)
