ޤައުމީ ޓީމު ދޫކޮށް ދިޔަ މައްސަލަ ރޮނާލްޑޯ ހާމަކޮށް އެކަމަށް މާފަށްއެދެފި
7 އޮކްޓޯބަރު 2026 - 04:23

ޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމު ދޫކޮށް ދިޔަ މައްސަލައިގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދިގު ބަޔާނެއް މެދުވެރިކޮށް ހިމޭންކަން މުގުރާލައިފިއެވެ. އިންސްޓަގްރާމްގައި އާންމުކުރި މި ބަޔާނުގައި އޭނާ ބުނެފައިވަނީ ޤައުމީ ޓީމުން ރިޓަޔާ ނުވާ ކަމަށާއި، ކޯޗު ޖޯޖް ޖީސަސް އޭނާއަށް ވީ ވަޢުދުތަކާ ޚިލާފުވެފައިވާ ކަމަށެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ކޯޕަންހޭގަންގައި ހުރި ޓީމުގެ ކޭމްޕް ދޫކޮށް ދިޔައީ، ސެޕްޓެމްބަރު 27 ގައި ނޯވޭ އަތުން 2-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި ބެންޗުގައި ބެހެއްޓުމުންނެވެ. އެ މެޗުގައި 30 މިނެޓު ކުޅެން ލިބޭނެ ކަމަށް ކޯޗު ބުނި ނަމަވެސް، މުޅި ހާފުގައި ވޯމްއަޕް ކުރުވުމަށްފަހު ކުޅެން ނޭރުވި ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި މެޗަށްފަހު ސަޕޯޓަރުންނަށް ޝުކުރު އަދާނުކޮށް ދަނޑުން ފޭބުނީ މާޔޫސްކަމުގެ ސަބަބުން ކަމަށާއި، އެކަމަށްޓަކައި ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިންގެ ކިބައިން އޭނާ ވަނީ މަޢާފަށް އެދިފައެވެ. މީގެ އިތުރުން ޓީމުދޫކޮށް ދިޔަ މައްސަލައިގައިވެސް ރޮނާލްޑޯވަނީ މާފަށްއެދިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އިންސްޓަގްރާމްގެ 11 ސްލައިޑަކަށް ބަހާލައިގެން ނެރުނު 2,000 އެއްހާ ބަހުގެ މި ބަޔާނުގައި ރޮނާލްޑޯ ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޗު ޖީސަސް އާއި އޭނާއާ ދެމެދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހާމަކުރަން އެއްބަސްވި 8 ނުކުތާގެ ލިޔުމެއް ތައްޔާރުކުރެވުނު ނަމަވެސް، ފަހުން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ވަނީ އެ އެއްބަސްވުމާ ޚިލާފުވެ، ބޭއިހުތިރާމްކޮށް ވާހަކަދައްކާފައެވެ. އެހެންކަމުން ޓީމަށް އިތުރު ގެއްލުމެއް ނުދިނުމުގެ ގޮތުން ކޭމްޕް ދޫކޮށް ދާން ނިންމީ ކަމަށް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް ކޯޗު ޖީސަސް ވަނީ އެފަދަ އެއްބަސްވުމެއް ވީކަމަށް ދެކޮޅު ހަދާފައެވެ.
ޤައުމީ ޓީމަށް އަލުން ކުޅުމުގެ އުންމީދު
ޤައުމީ ޓީމު ދޫކޮށް ދިޔުމަކީ ހެދުނު ގޯހެއްކަން ޤަބޫލުކޮށް، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަޅާ ކޮންމެ އަދަބަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖަހައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ ބުންޏެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 234 މެޗުގައި 146 ލަނޑު ކާމިޔާބުކޮށްފައެވެ.
ފިޓްކޮށް ހުރެ، އަދި ކްލަބަށް ކުޅެ ލަނޑު ޖަހަމުންދާ ނަމަ، އެޅޭ ސަސްޕެންޝަނެއް ތަންފީޒުކުރުމަށްފަހު އަބަދުވެސް ޤައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުންނާނެ ކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ. މީގެ އިތުރުން ކޯޗު ޖީސަސް ވެސް ވަނީ ރޮނާލްޑޯއަށް ޤައުމީ ޓީމުގެ ދޮރު އަދިވެސް ބަންދުނުވާ ކަމަށް ބުނެފައެވެ.

-01.jpg&w=3840&q=75)
