ޙަލާލު ގޮތުގައި މުދާ ހޯދައި، އިސްރާފުން ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި
9 އޮކްޓޯބަރު 2026 - 07:08

މުދަލަކީ މާތް ﷲގެ އަމާނާތެއް އަމާނާތެއް ކަމަށާއި ޙަލާލު ގޮތުގައި މުދާ ހޯދައި، އިސްރާފުން ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މުދަލަކީ މާތް ﷲގެ ޙައްޤެކެވެ. މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި، އިސްލާމްދީނުގައި މުދަލާއި މުދާވެރިކަމާ ގުޅޭގޮތުން އޮންނަ ތަޞައްވުރަކީ ވަރަށް ވަރުގަދަ އަސާސެއްގެ މަތީގައި ބިނާވެފައިވާ ނިޒާމެއްކަން ވަނީ ހަނދާންކޮށްދީފައެވެ. ހުތުބާގައި ބުނީ ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށްވާއިރު، އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ އެއްޗެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ އިންސާނުން އިމްތިޙާނުކުރެއްވުމަށް މާތް ﷲ މިންވަރުކުރައްވާ ކަމެއް ކަމަށެވެ. އަދި މުދަލަށް އޮންނަ ދަހިވެތިކަމާއި ލޯބި އޭގެ އިމުން ބޭރުވެއްޖެނަމަ، އިންސާނާގެ ދީންވެރިކަމާއި އަޚްލާޤަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އިސްލާމްދީން ބާރުއަޅަނީ މާތް ﷲ ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަތިން ޙަލާލު ގޮތުގައި މުދާ ހޯދުމަށް ކަން ފާހަގަކޮށް ހުތުބާގައި ބުނީ ތެދުވެރިކަމާއެކު ކުރާ މަސައްކަތާއި، ވަޒީފާއިން ލިބޭ އުޖޫރައާއި، ޙުއްދަ ވިޔަފާރީގެ މުޢާމަލާތްތަކަކީ ޙަލާލު މުދާ ކަމަށެވެ. އަދި ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތާއި، ވައްކަންކުރުމާއި، ޖުވާކުޅުން އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމަކީ ކަނޑައޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ޤިޔާމަތް ދުވަހު އިންސާނާގެ ކިބައިން ސުވާލުކުރެވޭނެ ކަންކަމުގެ ތެރޭގައި، މުދާ ހޯދީ ކޮންތަނަކުންކަމާއި، އެ މުދާ ހޭދަކުރީ ކޮންކަމަކަށް ކޮންގޮތަކުންކަން ހިމެނެއެވެ. އެހެންކަމުން އަމިއްލަ އަނބިދަރިންނާއި، މައިންބަފައިންނާއި، ބަލަހައްޓަންޖެހޭ އެންމެހައި މީހުންނަށް ކުރާ ޚަރަދަކީ އެންމެ ދަރުމަ ބޮޑުވެގެންވާ އެއް ވާޖިބުކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ޒަކާތް ދެއްކުމަކީ މުދަލުގައިވާ ﷲގެ ޙައްޤެއް ކަމަށާއި މުދާ ބޭކާރުކޮށްލުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ވަނީ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާ އެއްގޮތަށް މުދާ ހޯދައި، ޙަޤީޤީ މާނާގައި އެއީ އަމާނާތެއްކަމުގައި ދެކިގެން ޢަމަލުކުރުމަކީ ދުނިޔެމަތީގައާއި އާޚިރަތުގައި ކާމިޔާބު ލިބޭނެ މަގު ކަން ހަނދާންކޮށްދީފައެވެ.

-01.jpg&w=3840&q=75)
