ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން 17 ނޮވެމްބަރުގެ ކުރިން ދެނެގަތުން
9 އޮކްޓޯބަރު 2026 - 12:51

ދިވެހިރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުންގެ މަޢުލޫމާތުތައް ކަށަވަރުކުރުމަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ހޯދުމަށާއި އެފަދަ މީހުންގެ ސީދާ ޢަދަދު ދެނެގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މެންދުރު ޓީވީ ޖަރނަލިސްޓް ލަޔާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ ސައްޙަ ޢަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ކުރެވުނު ތަޙުޤީޤުތަކުންނާއި ސަރުކާރުގެ ރެކޯޑުތަކުން ބިދޭސީންގެ ޢަދަދުތަކާ ގުޅޭ އެކި ތަފާސްހިސާބުތައް ފެންނަން ހުރި ނަމަވެސް،މިހަރުވެސް މުޅި ރާއްޖޭގައި ކުރިއަށްދާ ބަޔޯމެޓްރިކް ރަޖިސްޓްރޭޝަން އަދި އައިޑެންޓިފިކޭޝަން ޕްރޮގްރާމްގެ ތެރެއިން މީހުންގެ މަޢުލޫމާތު ކަށަވަރުކުރަމުންދާތީ، ސީދާ ޢަދަދެއް ކަށަވަރުކުރުމަކީ އަދިވެސް ގޮންޖެހުމެއް އޮތް ކަމެކެވެ.
އިމިގްރޭޝަން ޤާނޫނުތައް ތަންފީޒުކުރުމުގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 800 މީހުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ހުރިހާ އެންމެން މިހާރުވެސް ރާއްޖޭގައި ތިބިކަން މުޅިން ޔަޤީންކުރެވެން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ތަފްސީލުކޮށްދެއްވީ ކުރެވުނު ތަޙުޤީޤުތަކުން އެނގުނު ގޮތުގައި ބައެއް މީހުން ނިޔާވެފައިވާއިރު، އެކަށީގެންވާ ރެކޯޑުތަކާއި އައިޑެންޓިފިކޭޝަން ނިޒާމެއް ނެތުމުގެ ސަބަބުން ބައެއް މީހުން އުޅޭތަނެއް ނޭނގި ގެއްލިފައިވެއެވެ. އަދި ބައެއް ހާލަތްތަކުގައި، ލިބެން ހުރި ލިޔެކިޔުންތަކުން މަސައްކަތްތެރިންގެ މަޢުލޫމާތު ކަށަވަރުކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވެފައިވެއެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ދަށުން، ޕާސްޕޯޓް މަޢުލޫމާތާއި އެހެނިހެން ރެކޯޑުތަކަށް ބަލައި، ލިޔެކިޔުން ނެތް މީހުންގެ މަޢުލޫމާތާއި އެމީހުން ނިސްބަތްވާ ޤައުމުތައް ކަށަވަރުކުރުމަށް ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއެކު ދިވެހި ސަރުކާރުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، މި މަސައްކަތް ނިންމުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަސް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މި މަސައްކަތް ނިންމަންޖެހޭ ތާރީޚު މިހާރު ވަނީ މިއަހަރުގެ ނޮވެމްބަރު 17 އަށް އަވަސްކުރެވިފައެވެ.
އައު ތާރީޚަށް މަސައްކަތް ނިންމުމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، މި މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

-01.jpg&w=3840&q=75)
