މާލެއާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނެސްފި
15 އޮކްޓޯބަރު 2026 - 12:24

މާލެއާއި ހުޅުމާލޭގައި މުދާ އުފުލާ އުޅަނދުފަހަރު ދުއްވޭނެ ވަގުތުތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ޚިޔާލުތަކަށް ރިއާޔަތްކުރުމަށްފަހު، އެ މިނިސްޓްރީން ނެރުނު ނަންބަރު (IUL)101/101/2026/31 އިޢުލާނުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އަލަށް ގެނައި އުސޫލުގެ ދަށުން، 350 ކިލޯގްރާމަށްވުރެ ކުޑަ ބަރުދަނެއްގެ މުދާ އުފުލާ ލުއި އުޅަނދުތައް ކަމަށްވާ ޕިކަޕާއި ލޮރީ، ކާގޯ ވޭން އަދި ފޯކްލިފްޓް ފަދަ އުޅަނދުތަކުގައި ފިހާރަތަކަށާއި ގުދަންތަކަށް އަދި ގޭގެއަށް މުދާ އުފުލޭނީ ދުވާލަކު ދެ ވަގުތެއްގައެވެ. އެއީ ހެނދުނު 06:00 އިން 08:30 އަށް އަދި މެންދުރު 11:30 އިން 01:30 އަށެވެ.
މީގެއިތުރުން، ސައިކަލުތަކުގައި ކުދި އަދި ލުއި މުދާ އުފުލުމުގެ ހުއްދަ ވަކި ގޮތެއް އަންގަންދެން އޮންނާނެ ކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ. ނަމަވެސް ސައިކަލުގައި މުދާ އުފުލަންވާނީ ދުއްވާ މީހުންނަށާއި މަގުމަތީގެ އެހެން ފަރާތްތަކަށް ނުރައްކާ ނުވާނެހެން އަދި ދަތިނުވާނެ ގޮތެއްގެ މަތިންނެވެ.
މި އައު އުސޫލާއެކު، 16 މާރިޗު 2026 ގައި ނެރުނު ނަންބަރު (IUL)101/101/2026/16 އިޢުލާން ވަނީ ބާތިލުކޮށްފައެވެ. އަދި އިތުރު ގޮތެއް އަންގަންދެން މާލެއާއި ހުޅުމާލޭގައި މުދާ އުފުލުމުގައި އަމަލުކުރަމުންދާނީ މި އައު ތާވަލާ އެއްގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

-01.jpg&w=3840&q=75)
