2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ބެޑްމިންޓަނާއި ހޮކީ ނުހިމެނޭ ގޮތަށް ނިންމައިފި
22 އޮކްޓޯބަރު 2024 - 14:16

2026 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސްގައި ބެޑްމިންޓަނާއި ހޮކީ ނުހިމެނޭނެ ކަމަށް އިޢުލާން ކޮށްފިއެވެ. މި ގޭމްސްގައި ހިމެނޭނެ 10 ކުޅިވަރު އިއްޔެ އިޢުލާނު ކުރި އިރު، އެތުލެޓިކްސްއާއި ފެތުމުގެ އިތުރުން ޓްރެކް ސައިކްލިންގ، ބޮކްސިންގ އަދި ޖިމްނާސްޓިކްސް ފަދަ ކުޅިވަރުތައް ހިމެނެއެވެ. ޖުލައި 23 އިން އޮގަސްޓް 2 އަށް ސްކޮޓްލޭންޑްގެ ގްލަސްލޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 74 ޤައުމަކުން 3،000 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހޮވާލެވުނު 6 ކުޅިވަރެއްގައި ޕެރާ ކުޅުންތެރިންނަށްވެސް ފުރުޞަތު ދެވޭނެއެވެ.
ނަމަވެސް، ބެޑްމިންޓަން ނުހިމެނުމުން ކުޅުންތެރިންނަށް ލިބުނު ހިތްދަތިކަން ފާޅުކޮށްފައިވެއެވެ. މީގެ ކުރިން ކޮމަންވެލްތު ގޭމްސްގައި ރަން އަދި ލޯ މެޑަލް ހޯދާފައިވާ ސްކޮޓްލެންޑްގެ ކާސްޓީ ގިލްމޯރު ބުނީ މިއީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ. އޭނާ ބުނީ މިއީ މެޑަލް ހޯދުމުގެ ފުރުޞަތެއް ގެއްލުނު ކަމެއް ކަމަށާއި، ޅަ ކުޅުންތެރިންނަށް މި ފުރުޞަތު ގެއްލުނީތީ ހިތާމަކުރާ ކަމަށެވެ.
އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ ހިމެނިފައިނުވާ ކުޅިވަރުތަކުގެ ކުޅުންތެރިންނާއި ފޭނުންގެ ހިތްދަތިކަން އެނގޭ ކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރުގެ މުބާރާތް އިންތިޒާމު ކުރެވޭނީ ޚަރަދު ކުޑަކޮށް ކަމަށް ވިދާޅުވިއެވެ.
ގްލާސްގޯ ގޭމްސްއަށް 5 މިލިއަން ޕައުންޑުގެ އަގުގައި ހޮކީ ސެންޓަރެއް އިމާރާތްކޮށްފައިވީ ނަމަވެސް، މިފަހަރުގެ ގޭމްސްއިން ހޮކީ އުނިކޮށްފައިވާކަން ފާހަގަކުރެވެއެވެ. ސްކޮޓިޝް ހޮކީގެ ސީއީއޯ ޑެރެކް ކެއިރު ވިދާޅުވީ މި ނިންމުމާމެދު އެ ޖަމްޢިއްޔާއިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. 1988 އިން ފެށިގެން ކޮންމެ ކޮމަންވެލްތު ގޭމްސްއެއްގައި ހޮކީ ހިމެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތު ގޭމްސް ސްކޮޓްލެންޑްގެ ޗެއަރމަން އިއާން ރީޑު ވިދާޅުވީ ހޮކީ ނުހިމެނުމަށް ނިންމީ "އެތައް ކަމަކަށް ރިޢާޔަތްކޮށްގެން" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޚަރަދު ކުޑަކުރުމަށްޓަކައި ވެނިއުތަކުގެ އަދަދު މަދުކުރުމާއި، ހޯމް ނޭޝަންސްގެ ކާމިޔާބީއަށް ބެލުމާއި، ކުޅުންތެރިންގެ އަދަދަށް ބެލުން ފަދަ ކަންކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ހޮކީ ހިމަނާނަމަ އިތުރު ވެނިއުއަކާއި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިތިއްބަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
