ރާއްޖޭގެ އެންމެ އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފި
8 ޖޫން 2025 - 16:40

ކުރިއަރަމުން އަންނަ ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަހްލޫފު އަރުމޭނިއާގައި ބޭއްވުނު "އަރުމޭނިއަން ޔޫތް އޯޕަން 2025" ގައި ވާދަކޮށް ތިން ރަން މެޑަލް ހާސިލްކޮށް، ބައިނަލްއަގްވާމީ މުބާރާތެއްގައި ޖޫނިއާ ކެޓަގަރީން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފިއެވެ.
12 އަހަރުގެ ލައިބާ މި މުބާރާތުގައި ވާދަކުރީ ތިން ކެޓަގަރީއެއްގައެވެ. އެގޮތުން އޭނާ ސިންގަލްސް އިވެންޓުގައި ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށް ރަން މެޑަލް ހާސިލްކުރިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން މިކްސްޑް ޑަބަލްސް އިވެންޓުގައި އަރުމޭނިއާގެ އެރިކް އާއެކު ވާދަކޮށް، ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައި ދެވަނަ ރަން މެޑަލް ހޯދިއެވެ. އަދި ޑަބަލްސް އިވެންޓުގައި ސައިޕްރަސްގެ އެމީލިއާ އާއެކު ވާދަކޮށް، ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައި ތިންވަނަ ރަން މެޑަލް ހާސިލްކުރިއެވެ.
ލައިބާ މުބާރާތުގެ ތެރެއިން
ލައިބާ ހޯދި މި ފަޚުރުވެރި ކާމިޔާބާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައިވެއެވެ.
ލައިބާ މުބާރާތުގައި ހޯދާފައިވާ މެޑަލްތައް
2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަ ލައިބާ މީގެ ކުރިން ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ވާދަކޮށް 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ. މިފަހަރު ހޯދި ކާމިޔާބީއަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

-01.jpg&w=3840&q=75)
