މުސްލިމުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު އެއް މަގުސަދު: ހުކުރު ހުތުބާ
16 އޮކްޓޯބަރު 2026 - 06:47

އިންސާނާގެ ގަދަރާއި އިއްޒަތް ގެއްލިދާ ކޮންމެ ކަމެއް މާތް ﷲ ނަހީކުރައްވާފައިވާ ކަމަށާއި، މުސްލިމުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަގުސަދުގެ ތެރެއިން އެއް މަގުސަދު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގެ މިއަދުގެ މައުޟޫއު އަކީ "މުސްލިމުންގެ އަބުރާއި ޢިއްޒަތް" މިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޚުޠުބާގައި ބުނީ، އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ބޮޑު އިސްކަމެއް ދީފައިވަނީ، އަބުރު ގެއްލުވާލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ ކަމަށެވެ. މީގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމައަކީ ޖިސްމާނީ އަނިޔާއަށްވުރެ ވެސް މާބޮޑު ކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އަބުރު ގެއްލުވާލުމުން ދުނިޔޭގައި އޭނާ އުޅެންޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައި ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތްކަމުގައި ވިޔަސް، އަބުރު ކަތިލެވޭ މީހާ މުޖުތަމަޢުން އެކަހެރިވެ، އޭނާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެއް ކަމަށް ބުންޏެވެ.
ބަވަނަވެފައިވާ މި ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ، މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަނީ ކުރެވޭ ފާފައިގެ ބޮޑުކަމާމެދު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކަމަށް ޚުޠުބާގައި ބުންޏެވެ.
"ޒާތީވުމުންނާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަނީ، ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައެވެ. މާދަމާ ޤައުމުގެ ހުންގާނާ ޙަވާލުވާންތިބި ކުދީންނަށް ދެވޭ ތަރުބިޔަތަކީ ނުވަތަ ދެއްކޭ ނަމޫނާއަކީ މިއީކަމުގައިވާ ނަމަ، މާދަމާ ޤައުމުގެ ޙާލަތު އޮންނާނެ ގޮތާމެދު އަހަރެމެންނަށް ވިސްނާލެވޭނީ ކިހައި މިންވަރަކަށްހެއްޔެވެ؟" - ހުކުރު ޚުޠުބާ
އިސްލާމްދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އެތައް ކަމެއް ޝަރުޢުކުރައްވާފައިވާކަން ފާހަގަކުރައްވައި ޚުޠުބާގައި ބުނީ، މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި ހެކި ނުދެއްކިއްޖެނަމަ ޙައްދުޖެހުމަށާއި، އެއީ ފާސިޤުން ކަމުގައި ބަލައި ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވާފައިވާ ކަމަށެވެ. މީގެއިތުރުން، މީހުންނާމެދު ގޯސްކޮށް ހީކުރުމާއި، ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމާއި، ޣީބަ ބުނުން އިސްލާމްދީނުގައި މުޅިން ނަހީކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މީސްތަކުންގެ އަބުރަށް ގިނައިން އަރައިގަނެވެނީ ދުލުން ކަމަށްވާތީ، އިވޭހާ ވާހަކައެއް ދެއްކުމުން ދުރުހެލިވުމަށާއި، ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހާއަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާކަންވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އަނެކުންގެ އަބުރަށް އަރައިގަތުމުން ދުރުހެލިވުމުގެ އިތުރުން، އަމިއްލަ ނަފުސުގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށް، ޝައްކު އުފެދޭފަދަ ކަންކަމުން ދުރުހެލިވުމަށް އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.

-01.jpg&w=3840&q=75)
