ހަގީގަތް ސާފުނުވާ ކަންކަމުގައި މައުލޫމާތު އޮޅުންފިލުވައިގެން ވާހަކަދެއްކުމަށް ވަޒީރު އިހްސާން އެދިއްޖެ
16 އޮކްޓޯބަރު 2026 - 13:39

ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ގޮތަކަށް ދޮގު މައުލޫމާތު ނުފެތުރުމަށާއި، އަދި ކަމުގެ ހަގީގަތް ސާފުނުވާ ކަންކަމުގައި، ކަމާބެހޭ ރަސްމީ އިދާރާތަކުން މައުލޫމާތު އޮޅުންފިލުވައިގެން ވާހަކަދެއްކުމަށް ދާހީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެދި ވަޑައިގެންފިއެވެ.
ވަޒީރު މިކަމަށް އަލިއަޅުވާލެއްވީ، ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެ، މީސްމީޑިއާގައްޔާއި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ފޭސްބްކްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މޭރުމުން ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއެއްގައި ވެސް ދަޢުލަތުގެ ސިޔާދަތީ ބާރާއި ސަލާމަތީ ޚިދުމަތްތަކުގެ ގާނޫނީ އިހުތިސާސް ފުރިހަމައަށް ހިނގާނެ ކަމަށެވެ. އަދި މި އުސޫލާ ޚިލާފު އެއްވެސް ނިންމެވުމެއް މި ސަރުކާރުން ނުނިންމަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ އެހެން މަޝްރޫއުތަކެކޭ އެއްފަދަ ޕްރޮޖެކްޓެއް. އެގޮތުން، ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ސިނާއީ އެކި ބޭނުންތަކަށް މިހާރު ވެސް 200 އަށް ވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ތަންތަނުގެ އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ މަސައްކަތެއް ކުރާ އަމިއްލަ ފަރާތްތަކުން ކަމަށާއި، ރަސްމާލޭގެ ކަންކަން ވެސް ހަމަޖެހިގެންދާނީ ހަމަ އެ އުސޫލުން" ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް، އެއިން ކޮންމެ ތަނެއްގައި ވެސް ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ ބާރުގެ ބޭނުން ފުރިހަމައަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މަޝްރޫއުގެ ބާވަތުން އެ ރަށުގައި ދިވެހި ސަލާމަތީ ބާރުތައް ގާއިމުވެ ތިބެންޖެހޭ ހާލަތެއް އައި ނަމަވެސް، އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް އެއްވެސް ހުރަހެއް ނޯންނާނެކަން ވަޒީރު ސާފުކޮށްދެއްވިއެވެ.

-01.jpg&w=3840&q=75)
