logo
MPL

MPL

ޚަބަރު

ފުލުސް އޮފިސަރުގެ ގައިގައި ޖެއްސީ ގަސްދުގައި, އިތުރު މީހުންވެސް ބައިވެރިވޭ: ސީޕީ

އަޙުމަދު ރަމީޒު
17 އޮކްޓޯބަރު 2026 - 06:38
ފުލުހުން ވެހިކަލްތަކުގެ ސްޕީޑް  ބަލަނީ
ފުލުހުން ވެހިކަލްތަކުގެ ސްޕީޑް ބަލަނީ

ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސީ ގަސްދުގައި ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވަނީ ރޭ ފަތިހު 4:29 ހާއިރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހިނގާ ދިޔަ މިހާދިސާ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ނެރުއްވި ބަޔާނެއްގައި ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

މިހާދިސާގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލުން ޖެއްސުމުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޮމިޝަނަރުގެ ބަޔާނުގައި ވިދާޅުވީ މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ސީޕީ ފާހަގަކުރައްވާފައިވެ އެވެ. މިހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލްގައި ތިބި ދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއްވެސް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ކޮމިޝަނާ ވިދާޅުވީ މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ސީޕީ ވަނީ ދެއްވާފަ އެވެ.

ސީޕީ ވިދާޅުވީ ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުސް އޮފިސަރުގެ ގައިގައި ޖެއްސީ ގަސްދުގައި, އިތުރު މީހުންވެސް ބައިވެރިވޭ: ސީޕީޚަބަރު | 2 ގަޑިއިރު ކުރިންހޮސްޕިޓަލް އަދި ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުން ވަރުގަދަ ކޮށްފިޚަބަރު | 3 ދުވަސް ކުރިންނުރައްކާތެރިކޮށް ދުއްވާ ބަޔަކަށް ނަސޭހަތާއި އިންޒާރުޚަބަރު | 3 ދުވަސް ކުރިންފިހާރައެއްގައި ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނަގައިފިޚަބަރު | 7 ދުވަސް ކުރިން