ގދ. އަތޮޅު ތިން ރަށެއްގެ ސުކޫލެއްގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމެއް
18 އޮކްޓޯބަރު 2026 - 10:54

ގދ. އަތޮޅު ތިން ސުކޫލެއްގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ ގދ. އަތޮޅުގައި މިހާރު ކުރިއަށްދާ ރައްކާ ރޯޑްޝޯގެ ދަށުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަހު 10 އިން 15 އަށް މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާއާއި، މަޑަވެލި ސުކޫލު އަދި ހޯނޑެއްދޫ ސުކޫލުގައެވެ. މި ޕްރޮގްރާމުގައި ތިން ސުކޫލުން 104 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމު ފުރިހަމަކޮށްފައިވެއެވެ.
ހޯނޑެއްދޫ ސުކޫލާއި މަޑަވެލި ސުކޫލުގެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމު ނިންމުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސާވިސް ޑިވެލޮޕްމަންޓް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއެވެ. އަދި ގދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރެވެ. މި ރަސްމިއްޔާތުތަކުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ ބައެއް އިސްވެރިންގެ އިތުރުން އެ ސުކޫލުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ މަގުސަދަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ ސެލްފް ޑިފެންސް ކުލާސްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މަގުމަތި ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މި ޕްރޮގްރާމުގައި ޕްރެކްޓިކަލް ކުލާސްތަކުގެ މައްޗަށް ބިނާކޮށް، މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތުކުރުމުގައި ގެންގުޅެންޖެހޭ ވާހަކަދެއްކުމުގެ ރީތި އަދަބުތަކާއި، ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ވާހަކަދެއްކުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، އެ ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭއިރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާއިރު، ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ސުކޫލު ސަރަހައްދުގައި އުޅަނދު ދުއްވާނަމަ ޓްރެފިކް މޮނީޓަރުންގެ އިރުޝާދުތަކާ އެގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ޓްރެފިކް މޮނިޓާސް ޕްރޮގްރާމަކީ، މަގުމަތީގެ ރައްކާތެރިކަމަށް ދަރިވަރުން ހޭލުންތެރިކޮށް، ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ އަމަލީ ބައިވެރިވުން ހޯދުމާއި، އަދި ޓްރެފިކްގެ މައްސަލަތަކަށް އަމިއްލައަށް ހައްލު ހޯދައިދޭން އެނގޭ، ގާބިލު ދަރިވަރުންތަކެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

-01.jpg&w=3840&q=75)
