ސައިބަރ ކުށްތައް ދެގުނައަށް އިތުރުވެއްޖެ، ގިނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ މައްސަލަތައް: ސީޕީ
18 އޮކްޓޯބަރު 2026 - 12:59

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުއެވެ.
.png&w=750&q=75)
Ad by Hajj Corporation
ސީޕީގެ މެސެޖުގައި ވަނީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށްކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައްވެސް އިތުރުވަމުންކަން ފާހަގަކުރައްވާފައެވެ.
ސީޕީ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމެވެ. މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ދަނީ ބޭނުންކުރަމުން ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
މިފަދަ ކަންކަމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ވަނީ މިއީ މުއައްސަސާތަކުގެ އިތުބާރާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި، އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެވެސް ފާހަގަކުރެވެނީ، ހޭލުންތެރިކަން ކުޑަވުމާއި، ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލެއް. ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތައް. ސީޕީ
މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި، ވެރިރަށް މާލެއާއި އަތޮޅުތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ އެކި ހަރަކާތްތަކުގައި އާންމު ރައްޔިތުން ފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

-01.jpg&w=3840&q=75)
