ބަނޑުފުރިފައި، ސިއްޙަތު ހުސްކޮށް: ދިވެހިންނާއި ދުޅަހެޔޮ ކާނާގެ ޙަޤީޤަތް
19 އޮކްޓޯބަރު 2026 - 12:06

އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް އަސާސަކީ ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމެވެ. އިސްލާމްދީނުގައި ވެސް ވަނީ ހަށިގަނޑަށް ފައިދާހުރި ރަނގަޅު ތަކެތި ކެއުމަށާއި، އިސްރާފު ނުކުރުމަށާއި، މިންވަރު ދެނެގެން ކެއުމަށް ބާރުއަޅުއްވާފައެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ދުޅަހެޔޮ ދިރިއުޅުމަކާ ދިވެހިން މިވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ.
މާޒީއަށް ބަލާއިރު ދިވެހިންގެ ކެއުމަކީ ކަނޑުމަހާއި، ތާޒާ ކާށި އަދި ގޮވާމުގެ ބާވަތްތަކުގެ މައްޗަށް އެކުލެވިގެންވީ ސާދާ އަދި ފައިދާހުރި ކެއުމެކެވެ. އެހެންނަމަވެސް، މިއަދު ދިވެހިންގެ ކެއުމުގެ އާދަކާދަ މިވަނީ ބޮޑުތަނުން ބަދަލުވެފައެވެ. މިހާރު ދިވެހިންގެ ކެއުމުގައި ގިނައީ ތެލާއި، ހަކުރު އަދި ލޮނު ގިނަ ކާނާއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ތެލުލި ތަކެއްޗާއި، ފޮނި ކާތަކެތި ބޭނުންކުރުން އާދައަކަށް ވެފައިވާއިރު، މޭވާއާއި ތަރުކާރީ ފަދަ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ކެއުމުގައި ހިމަނާ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، ފަސޭހައިން ލިބެންހުންނަ އަވަސް ކާނާ ނުވަތަ "ޖަންކް ފުޑް" އަކީ މިހާރު ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. ޕެކެޓްކޮށްފައި ހުންނަ ތަކެއްޗާއި، ޕްރޮސެސްޑް މީޓް، ތެލުލި އަލުވި، ސޮސެޖް އަދި ގޭސް އެކުލެވޭ ފޮނި ބުއިންތައް ބޭނުންކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން މިފަދަ ކާނާއަށް ދެވިހިފާފައިވާ މިންވަރު ކަންބޮޑުވާންޖެހޭ ދަރަޖައަކަށް ގޮސްފައިވެއެވެ. މިފަދަ ކާނާއިން ލިބޭ ގެއްލުންތަކުގެ ތެރޭގައި ހަށިގަނޑު މާބޮޑަށް ފަލަވުމާއި، ހަކުރުބައްޔާއި ލޭމައްޗަށްދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް ފެތުރުން ހިމެނެއެވެ.
ކެއުމުގެ ވައްޓަފާޅި މިފަދައިން ހުރިއިރު، ގަޑިން ގަޑިއަށް ކެއުމުގެ ބަދަލުގައި ހިތުހުރި ގޮތަކަށް، ހިތަށްއެރި ވަގުތަކު ކެއުމަކީ ވެސް ގިނަ ދިވެހިންގެ ކިބައިން ފެންނަ ވަރަށް ނޭދެވޭ އާދައެކެވެ. ހެނދުނުގެ ނާސްތާ ދޫކޮށްލުމަށްފަހު، މެންދުރުފަހު އަދި ދަންވަރު ގަޑިތަކުގައި ބަރު ކެއުންތައް ކެއުމަކީ އާންމު ކަމެކެވެ. މިގޮތަށް ވަގުތު ނޫން ވަގުތުގައި ކެއުމާއި، ރޭގަނޑު ނިދަން ކައިރިކޮށްފައި ކެއުމަކީ ހަޖަމުގެ ނިޒާމަށް ބުރަބޮޑުވެ، ހަށިގަނޑުގެ ބަރުދަން އިތުރުވެ، އެތައް ސިއްޙީ މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ.
މި ހުރިހާ ކަމެއްގެ އިތުރުން، ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް ދިވެހިން ދޭ ސަމާލުކަން ކުޑަކަން ފާހަގަކުރެވެއެވެ. ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު އިށީނދެގެން އިނުމާއި، ކުރު ދަތުރުތަކަށް ވެސް އުޅަނދުފަހަރު ބޭނުންކުރުމުގެ ސަބަބުން ޖިސްމާނީ ހަރަކާތްތެރިކަން ވަނީ ނެތިގެން ގޮސްފައެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން ބައިގަޑިއިރު ހިނގާލުން ނުވަތަ ކަސްރަތުކޮށްލުމަށް ފަރުވާތެރިވަނީ ވަރަށް މަދު މީހެކެވެ. ކެލޮރީ ގިނަ ކާނާ ކެއުމަށްފަހު އެ ކެލޮރީތައް އަންދާލާނެ ފުރުޞަތެއް ހަށިގަނޑަށް ނުދެވުމުގެ ނަތީޖާއަކީ ސިއްޙީ ގޮތުން ނިކަމެތި މުޖުތަމަޢެއް އުފެދުމެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހިންގެ މެދުގައި ދުޅަހެޔޮ ކާނާ ކެއުމުގެ އާދަ އަށަގެންނެވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޖަންކް ފުޑާއި ތެލާއި ހަކުރު ގިނަ ކާނާއާ ދުރުހެލިވެ، ގަޑިން ގަޑިއަށް ކެއުމުގެ ރިވެތި އާދަ އަށަގަންނަން ޖެހެއެވެ. އަދި ކެއުމުގެ އިތުރުން ދުވަހުގެ ތާވަލުގައި ކަސްރަތަށް ޚާއްޞަ ވަގުތެއް ހުސްކުރުމަކީ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް ވާސިލުވުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.

-01.jpg&w=3840&q=75)
