ފައިނޭންސް ފޯރަމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
21 އޮކްޓޯބަރު 2026 - 04:36

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ މާލީ އަދި އިގްތިސާދީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބައްދަލުވުންކަމަށްވާ މި ފޯރަމް ބޭއްވުމަށް ކަނޑައަޅާފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ފޯރަމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މީގެ އިތުރުން ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށް މި ފޯރަމްގައި އަލިއަޅުވާލާނެ ކަމަށް ވެސް ޕެންޝަން އޮފީހުން މައުލޫމާތުދެ އެވެ.
ޕެންޝަން އޮފީހުން ބުނީ މި ފޯރަމަކީ ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ގައުމީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާ ހިޔާލު ބަދަލުކޮށް، ރާއްޖެއަށް ފަހިވެފައިވާ އާ ފުރުސަތުތައް ދެނެގަތުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.

-01.jpg&w=3840&q=75)
