ދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއްގައި ރިވެތި އަޚުލާޤު އިސްކުރަންޖެހޭ: ހުތުބާ
23 އޮކްޓޯބަރު 2026 - 05:11

ދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއްގައި ރިވެތި އަޚުލާޤު އިސްކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢަށް ދެއްވި ޚުޠުބާގައި، އިސްލާމްދީނަކީ އިންސާނާއަށް ޢިއްޒަތާއި، ބާރާއި، ތެދުމަގު ދައްކައިދޭ މައިގަނޑު އަސާސްކަން ފާހަގަކުރައްވައި، ދީނީ ވާޖިބުތައް އަދާކުރުމަށާއި ދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއްގައި ރިވެތި އަޚުލާޤު އިސްކުރުމަށް ގޮވާލެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މުސްލިމުންގެ އީމާންކަން ވަރުގަދަކޮށް، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަށާއި، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަށް ތަބާވުމަށް ހުތުބާގައި ބާރުއަޅުއްވާފައިވެއެވެ.
މީގެ އިތުރުން، އިސްލާމްދީނުގެ ކުރީކޮޅުގައި ބިލާލްގެފާނާއި ޚައްބާބު ބިން އަލްއަރައްތު ފަދަ ބޭކަލުން ދީނުގައި ސާބިތުވެ ތިއްބެވުމަށްޓަކައި އުފުއްލެވި ބުރަދަނާއީ ތަހައްމަލުކުރެއްވި ނުހަނު ބޮޑެތި އަނިޔާތަކުގެ ހަނދާން އާކޮށްދެއްވައި، އެއީ ކެތްތެރިކަމާއި ސާބިތުކަމުގެ ނަމޫނާތަކެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
އަދި ހަމައެހެންމެ، އިސްލާމީ އުޞޫލުތައް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދީނުގެ ތަޢުލީމުތަކާ ޚިލާފު ކަންކަމުން ދުރުހެލިވުމަށާއި، ބަހާއި ޢަމަލުން އިސްލާމްދީނުގެ މަތިވެރިކަން ދެއްކުމަށް ޚުޠުބާގައި އިރުޝާދު ދެއްވިއެވެ.
ޚުޠުބާގެ ދެވަނަ ބައިގައި، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމަށާއި، އަޅުކަންތަކުގައި އިޚުލާޞްތެރިވުމަށާއި، ފަރުޟު ފަސް ނަމާދު އަދާކުރުމުގެ އިތުރުން ޒަކާތުގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް އަމާންކަމާއި ހަމަޖެހުމަށް އެދި ދުޢާކުރައްވަމުންނެވެ. އަދި ރާއްޖެއަށް ފާގަތިކަމާއި ކުރިއެރުން ދެއްވައި، ދިވެހި ފަސްގަނޑުގައި އިސްލާމްދީން އަބަދަށްމެ ދަމަހައްޓަވައި، ރައްޔިތުންނަށް ހެޔޮތައުފީޤު މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

-01.jpg&w=3840&q=75)
