ޑޮލަރުގެ ތާށިކަމެއް ނޫޅޭ، ގޭހުގެ ދަތިކަމެއް ނެތް: އެމްޑީ އަބްދުﷲ
23 އޮކްޓޯބަރު 2024 - 09:55

ގޭސް ގަތުމުގައި ޑޮލަރުގެ އެއްވެސް ތާށިކަމެއް ނޫޅޭކަމަށާއި ގޭސް ލިބުމުގައި ދަތިކަމެއްވެސް ކުރިމަތިވެފައިނުވާކަމަށް މޯލްޑިވްސް ގޭސް ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު "މެންދުރަށް" ވިދާޅުވީ ދެ ކިލޯ އާއި ފަސް ކިލޯ އަދި 10 ކިލޯގެ ފުޅި މިހާރު ވެސް ބަރާބަރަށް ފޯރުކޮށްދޭ ކަމަށާއި 45 ކިލޯގެ ފުޅި މާދަމައިން ފެށިގެން ލިބޭނެކަމަށެވެ.
މޯލްޑިވް ގޭހުގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. އަދި މި ވަގުތު ދިމާވެގެން އުޅޭ މައްސަލައަކީ ބޯޓު ލަސްވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވް ގޭހުން ފޯރުކޮށްދޭ ގޭސް ލިބުމުގައި ދަތިކަމެއް އުޅޭކަމަށް ބުނެ އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ފެތުރެމުންދަނީ ސައްހަ މައުލުމާތެއް ނޫންކަމަށް މޯލްޑިވްސް ގޭހުން ބުނެއެވެ.