ރައްޔިތުންގެ ބުރަ ލުއިކުރުމަށް ޖީއެސްޓީއަށް ގެންނަ އިސްލާހުތަކަށް މެންބަރު މަމްދޫހު ތާއީދުކުރައްވައިފި
26 އޮކްޓޯބަރު 2026 - 05:23

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ (ޖީއެސްޓީ) ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރައްޔިތުންގެ މާލީ ބުރަ ލުއިކޮށްދިނުމަށާއި ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެންބަރު ޙަސަން މަމްދޫހު އެ އިސްލާހުތަކަށް ތާއީދުކުރައްވައިފިއެވެ.
ހުށަހެޅިފައިވާ މި އިސްލާހުތަކުގައިވަނީ، ދިވެހިރާއްޖޭގައި އޮފީހެއް ނުވަތަ ވިޔަފާރި ހިންގާ ތަނެއް ނެތް ބުކިންގ އެޖެންސީތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން، 1 އޮކްޓޫބަރު 2026 އިން ފެށިގެން ޖީއެސްޓީ ނެގުމުން އިސްތިސްނާކުރުމަށެވެ.
މީގެއިތުރުން، ޓެކްސް ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންކަން ހައްލުކޮށް، ޓެކްސް ދެއްކުމުން ރެކުމަށް ކުރާ ކަންކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
1 ޖެނުއަރީ 2023 ގައި ޖީއެސްޓީގެ ރޭޓުތަކަށް ގެނައި ބަދަލުތަކަށް އިޝާރާތްކުރައްވަމުން މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އެ ބަދަލުތައް ގެނައީވެސް ރައްޔިތުންނަށް ފައިދާވާނެ ފިޔަވަޅުތަކެއްގެ ގޮތުގައި ދައްކައިގެންނެވެ.
ރައްޔިތުން ތަޙައްމަލުކުރަމުންދާ އިޤްތިޞާދީ ދަތިތަކާ ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެފަދަ ފާޑުކިޔުންތަކުގައި ސަރުކާރުގެ އިޤްތިޞާދީ ނިންމުންތަކާއި ޓެކްސް ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ.
މެންބަރު މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އާންމު ރައްޔިތުންނަށް ސީދާ އަސަރުކުރާނެ ފަދަ ޓެކްސް ބޮޑުކުރުމުގެ ސިޔާސަތެއް ތައާރަފެއް ނުކުރެއެވެ. އަދި ހަރުދަނާ ވިޔަފާރި ސިޔާސަތުތަކެއްގެ ތެރެއިން އިޤްތިޞާދީ ކުރިއެރުން ހޯދުމަކީ ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
