ބޮޑުބަދަލަކީ އޮޅުވާލުމެއް، ބޮޑު ފިތުނައެއް
27 އޮކްޓޯބަރު 2026 - 05:56

މއ. ބޯގަންވިލާ ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަން ކަމަށް، 2022 ވަނަ އަހަރުގެ ތެރޭގައި ކުރިމަތިލައިގެން ކެމްޕޭން ކުރި ދުވަސްވަރު، އެ ކެމްޕޭންގެ ތެރެއިން އޭރު އޭނާގެ ވާދަވެރިން ދިޔައީ ބަރުލަމާނީ ނިޒާމެއްގެ ވާހަކަދައްކަމުންނެވެ. އެކަމަކު ބަރުލަމާނީ ނިޒާމާ ދެކޮޅަށް އޭރުގައި އެންމެ ހަރުއަޑުކޮށް، ބަސް ބުނެ ރައްދުދީ ހެދީ ފައްޔާޒު އެވެ. ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް ގެންނަން ހެޔޮނުވާވަރުގެ ގޯސް ނިޒާމެއް ކަމަށް ބުނެދިނީވެސް ސިޔާސީ ބިކާރީއެއް ކަމަށްވާ ފައްޔާޒު އެވެ.
ނަމަވެސް މަންޒަރު ބަދަލުވެ، ތިމާގެ އަމިއްލަ އެދުންވެސް އިންތިހާއަށް ބޮޑުވެ، މަކަރާއި ހީލަތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމުގެ ދަހިވެތިކަމުގައި، ފައްޔާޒު މިވަނީ "ބޮޑުބަދަލު"ގެ ނަމުގައި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮލަށް ސަވާރުވުމުގެ މަސައްކަތް ފަށާފަ އެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ ބަޔަކު އެމްޑީޕީގެ ތެރޭގައި އުޅޭތީވެ، އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފައްޔާޒު ބޭނުންވަނީ ރިޔާސީ ޓިކެޓް ކަށަވަރުކުރުމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ބޮޑުބަދަލުގެ ނަމުގައި ބޮޑު އޮޅުވާލުމެއްގެ ތެރެއިން ފައްޔާޒު މިހާރު ކުރަމުންދާ މަސައްކަތަކީ ބަރުލަމާނީ ނިޒާމަކަށް ގައުމު ފުރޮޅާލުމެވެ. ބަރުލަމާނީ ނިޒާމަކަށް ފައްޔާޒު ތާއީދުނުކުރިޔަސް ބޮޑުބަދަލު ޕްރޮމޯޓްކުރުމުގެ އޭނާ ބައިވެރިވާ އަނެއް ސަބަބަކީ ކެނެރީގެ މުހައްމަދު ނަޝީދުގެ ރުހުމާއި ތާއީދު ހޯދުމެވެ.
ނަޝީދަކީ ފެށުނީއްސުރެ ވެރިކަމާ ހެދި މަރުދޭ މީހަކަށްވާތީއާއި، ވެރިކަން ހޯދޭނެ އެންމެ ފަސޭހަ ގޮތަކީ ބަރުލަމާނީ ނިޒާމެއް ގެނެސް، މަޖިލީހުގެ ތެރެއިން ބޮޑުވަޒީރުކަން ހޯދުން ކަމަށް، ނަޝީދުގެ ހިޔަޅު ވިސްނުމަށް މިހާރު ވިސްނޭތީ، އޭނާ ގެންދަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރަމުންނެވެ. ބޮޑުބަދަލު ގެނައުމުގެ މަސައްކަތުގެ ތެރެއަށް، ނަޝީދުގެ ރޭވުމެއްގެ ތެރެއިން ފައްޔާޒު ވެއްދީވެސް، ބޮޑުބަދަލުގެ ނަމުގައި އޮޅުވާލައިގެން ބަރުލަމާނީ ނިޒާމު ގެނައުމުގެ މަގުސަދުގައެވެ. ފައްޔާޒު މިމަސައްކަތުގެ ތެރެއަށް ވެއްދީ މިވަގުތު އެމްޑީޕީގެ ތެރޭގައި އޭނާއަށް ބޯލަބާ މީހުންކޮޅެއް އުޅޭތީ، ނަންބަރު އިތުރުކޮށްލައި ބޯގިނަކޮށްލުމުގެ ވިސްނުމުގައި ކަމަށް ބެލެވޭނެ އެތައް ކަމެއް ނަޝީދުގެ އަމަލުތަކާއި ވާހަކަތަކުން އެނގި ހާމަވެ އެވެ.
ފައްޔާޒަށް ވެރިކަން ހޯދައިދޭނެ ކަމަށް ނަޝީދު ބުނާތީ، ވެރިކަން ކުރުމުގެ ދަހިވެތިކަން ބޮޑުވެ، ފައްޔާޒު ގެންދަނީ މުޅި ރާއްޖެއަށް ބޮޑުބަދަލު ތައާރަފްކޮށް، އޮޅުވާލައިގެން ބަރުލަމާނީ ނިޒާމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ސިޔާސީ ވިސްނުން ކޮށި މީހެއް ކަމަށްވާ، ފައްޔާޒު އިސްމާއީލް ބޭނުންކޮށްގެން، ނަޝީދު ކުރާހާވެސް ކަމަކީ އޭނާގެ ސިޔާސީ މުސްތަގުބަލް ހަލާކުކޮށްލައި، ސިޔާސީ މަންޒަރުން ފައްޔާޒު އެއްފަރާތްކޮށްލުންކަން އެނގި ހާމަވެ އެވެ. ފައްޔާޒަށް ވެރިކަމުގެ ހުވަފެން ދައްކައިގެން، ނަޝީދުގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލްކުރަމުންދާއިރު، އެ ހަގީގަތް ގަބޫލުކުރެވޭ ވަރަށް ބޮޑަށް ބޯގަންވިލާ ފައްޔާޒު ވަނީ ނަޝީދުގެ ދަންތުރައިގައި ޖެހިފަ އެވެ. އެކަމަކު ބޮޑުބަދަލަކީ ނަޝީދު ވެރިކަމަށް އަންނަން ފަހާ ކޯޓެއް ކަމާއި، އަދި އެއީ މުޅި ގައުމުގައި ފިތުނަފަސާދަ އުފައްދައިގެން ނަމަވެސް، ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ޖަހާ ސަކަރާތްގަނޑެއްކަން ނޭނގޭ ދިވެއްސެއް މިހާރަކު ނެތެވެ.
ދިވެހި ގައުމަކީ ކެނަރީގެ ނަޝީދާއި ބޯގަންވިލާ ފައްޔާޒު އިސްމާއީލް ބޭނުންހާ ގޮތަކަށް ދަމަން އޮތް ރަބަރު ފަށަކަށް ނުވާތީ، ބޮޑުބަދަލޭ ކިޔަސް އަދި އެހެން ޒާތެއްގެ ނަމެއް ކިޔަސް، އެނގޭ ހަގީގަތަކީ ބަރުލަމާނީ ނިޒާމެއް މިގައުމަށް ނުގެނެވޭނެ ކަމެވެ. ރައްޔިތުންގެ ތެރެއިން ބައެއްގެ ވިސްނުމާއި ފިކުރު ތަޣައްޔަރުކޮށްގެން ނަޝީދާއި ފައްޔާޒަށް ހޯދޭނެ ސިޔާސީ މޮޅެއްވެސް ނޯންނާނެކަން ދަންނަންޖެހެ އެވެ.

-01.jpg&w=3840&q=75)
