ފެނަކަ ޚިޔާނާތް: ދީނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފި
27 އޮކްޓޯބަރު 2026 - 12:25

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، 1 އަހަރާއި 7 މަހާއި 11 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ނިންމާފައި ނުވަނީސް އަދި މަސައްކަތް ނިމުނުކަން ކަށަވަރުކުރުމެއް ނެތި ފައިސާ ދޫކުރި މައްސަލައެކެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ މި މަހުގެ 12ވަނަ ދުވަހުއެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދިފާޢީ ވަކީލުން ވަނީ، ދީނާއަކީ ސިއްޙީ ގޮތުން ނާޒުކު ހާލަތެއްގައި ހުރި މީހެއްކަމަށާއި، ޖަލު ބަންދުގައި ބެހެއްޓުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދާއި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަށް ދިފާޢުން އެދިފައިވެއެވެ.
ދައުލަތުގެ ފަރާތުން ވަކީލު ފާހަގަކުރެއްވީ، ދީނާއަކީ ދައުލަތުގެ ކުންފުންޏެއްގެ އިސް މަޤާމެއް ފުރާފައިވާ ފަރާތަކަށްވާތީ އަދަބު ބޮޑުކުރެވިދާނެ ކަމަށެވެ. ނަމަވެސް، އޭނާއަކީ ކުޑަކުދިންތަކެއް ބަލަހައްޓަމުންދާ މީހަކަށްވުމާއި، މީގެ ކުރިން ޖިނާއީ ރެކޯޑެއް ނެތުމުން އަދަބަށް ލުޔެއް ދެވިދާނެ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
މައްސަލަ ބައްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭފަދަ ސިއްޙީ ހާލަތެއްގައި ހުރި މީހެއްކަން އެނގޭނެ ސައްޙަ ލިޔެކިޔުމެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވާތީ، 1 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް އިއްވެވީއެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ދީނާގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ގާޒީ ކަނޑައެޅުއްވީ ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ.
މި މައްސަލައިގައި ދީނާގެ އިތުރުން ފެނަކައިގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށްވެސް ދައުވާކުރިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

-01.jpg&w=3840&q=75)
