ބަޖެޓު 2027: ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ
29 އޮކްޓޯބަރު 2026 - 09:16

ރައްޔިތުންގެ ދުޅަހެޔޮކަމާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ މުހިންމު ނިންމުންތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން، މިނިސްޓަރ ޙަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލްތައް ހިމެނޭހެން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ޤާއިމުކުރުމަށް ބަޖެޓުގައި ވަނީ އިސްކަންދީފައެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމާއެކު، އަސާސީ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ޑެކޯ ޗެމްބަރ، އެކްސް-ރޭ، ސީ.ޓީ ސްކޭން، އަދި އެމް.އާރް.އައި ގެ ޚިދުމަތްތައް ތަރައްޤީކުރުމާއެކު، ދަތުގެ ފަރުވާ، ކަރުންމަތީގެ ބަލިތައް، އަދި އަންހެނުންގެ ބަލިތަކާއި ވިހެއުމާއި ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވަނީ ހިމަނާފައިވާއިރު އެހެނިހެން ސްޕެޝަލައިޒްޑް ޚިދުމަތްތައްވެސް ރީޖަނަލް ފެންވަރުގައި ފުޅާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވަނީ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
