ބަޖެޓު 2027: ޕީއެސްއައިޕީ އަށް 8.2 ބިލިއަން ރުފިޔާ
29 އޮކްޓޯބަރު 2026 - 10:28

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށާއި، އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވާ ކަމަށްމިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއަލްފާޟިލް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ މިހާރު ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމައި ރައްޔިތުންނަށް ނަތީޖާ ދެއްކުން ކަމަށެވެ. އަދި މިއީ ދައުލަތުގެ މާލީ ކެރިފޯރުންތެރިކަން ދަމަހައްޓައި، ޚިދުމަތްތަކަށް ބުރޫނޫންނާނެހެން ތަރައްޤީގެ ކަންކަން ކުރިއަށްގެންދެވޭނެ ގޮތަށް އެކުލަވާލެވިފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
2027 ވަނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާ މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ އަމާޒުހިފާފައެވެ. އަދި 2027 ގައި ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 117 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، 2028 ގައި އެ އަދަދު 116.3 އިންސައްތައަށް އަދި 2029 ގައި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒު ވަނީ ކަނޑައަޅާފައެވެ.
ހިނގަމުންދާ 2026 ވަނަ އަހަރު ނިމޭއިރު އޯވަރޯލް ޑެފިސިޓް 7.6 ބިލިއަން ރުފިޔާ (ޖީޑީޕީގެ 6.2%) ގައި ހުންނާނެ ކަމަށް ބެލެވޭއިރު، 2027 ގައި ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް (ޖީޑީޕީގެ 7.3%) އަރާނެ ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް، 2028 ނިމޭއިރު ބެލެންސް ޑެފިސިޓް ޖީޑީޕީގެ 5 އިންސައްތައަށް ދަށްކުރުމަށް ވަނީ ރޭވިފައެވެ.
ޕީއެސްއައިޕީއަށް ޑޮމެސްޓިކް ބަޖެޓުން ކުރާ ޚަރަދު 70 އިންސައްތައަށްވުރެ ބޮޑުނުކުރުމަށާއި، ބޭރުގެ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު ޖުމްލަ އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުމަށް އަމާޒުކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އަޅަމުންދާ ހަރުދަނާ ފިސްކަލް ކޮންޓްރޯލްތަކުގެ ސަބަބުން މިއަހަރުގެ ބަޖެޓު ޑެފިސިޓް ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށާއި، އެ ކޮންޓްރޯލްތައް އަންނަ އަހަރުވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވަނީ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
