logo
MPL

MPL

ކޯޓް ރޫމް

ކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން: ސުޕްރީމް ކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޮކްޓޯބަރު 2026 - 13:00
ޝަހީދު އަލީ ސްކޫލްގެ ދަރިވަރުންތަކެއް، ތައުލީމުގެ ގާނޫނުގެ ދަށުން ކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވަނީ ބުނެފައި، ފޮޓޯ: ޝަހީދު ޢަލީ ސްކޫލް
ޝަހީދު އަލީ ސްކޫލްގެ ދަރިވަރުންތަކެއް، ތައުލީމުގެ ގާނޫނުގެ ދަށުން ކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވަނީ ބުނެފައި، ފޮޓޯ: ޝަހީދު ޢަލީ ސްކޫލް

ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ރިޕީޓްކުރުވި ކުއްޖެއްގެ ގްރޭޑް އަލުން ވަޒަންކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހައިކޯޓުން ކުރި އަމުރު، ތައުލީމުގެ ގާނޫނުގެ ދަށުން ކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން ކަމަށް ބުނެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ވ. ޔުދްރާގެ ‪2026/SC-A/17 ގަޒިއްޔާގައި 28 އޮކްޓޫބަރު 2026 ގައި ނެރުނު ހުކުމުގައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރީ ހައިކޯޓުގެ ‪2025/HC-A/123 ގަޒިއްޔާގެ ނިންމުމުގެ ދެވަނަ ބައެވެ. އެއީ ކުއްޖާގެ ހާއްސަ ހާލަތާއި ހުށަހަޅާފައިވާ އެސެސްމަންޓްތައް މިނިސްޓްރީގެ ފަންނުވެރިން އަލުން ވަޒަންކޮށް، ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެންގި ބައެވެ. މި ހުކުމާއެކު ކުއްޖާގެ ގްރޭޑް އަލުން ބަލަން މިނިސްޓްރީއަށް ލާޒިމުކުރުމެއް ނެތިއްޖެއެވެ. ކުއްޖާ މިހާރު ކިޔަވަމުންދާ އެލްކޭޖީއަކީ ގާނޫނުގައިވާ ގޮތުން އެ އުމުރުގެ ކުދިންގެ ގްރޭޑް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

13 ޖުލައި 2021 ގައި އުފަންވި ކުއްޖާ، 2023 ވަނަ ދިރާސީ އަހަރު ކެންގަރޫ ކިޑްސް ސްކޫލްގެ ޕްލޭ ސްކޫލަށް ވައްދާފައިވަނީ، 2023 ގެ ސަރކިއުލަރގައިވާ އުމުރުފުރާއާ އެއްގޮތަށެވެ. ނަމަވެސް ދިރާސީ އަހަރު ފެށޭ ތާރީހަށް ބަދަލު ގެނެސް 30 ޖަނަވަރީ 2024 ގައި ނެރުނު ސަރކިއުލަރގައި، ނަރސަރީއަށް ވެއްދޭނީ 31 ޑިސެމްބަރު 2023 އަށް 3 އަހަރު ފުރޭ ކުދިން ކަމަށް ކަނޑައެޅުނެވެ. އެ ތާރީހަށް ކުއްޖާއަށް 3 އަހަރު ނުފުރޭތީ، 26 މޭ 2024 ގައި ފެށުނު ދިރާސީ އަހަރު ކުއްޖާ ނަރސަރީއަށް ބަދަލުނުކުރެވޭނެ ކަމަށް 25 އެޕްރީލް 2024 ގައި މިނިސްޓްރީން ބެލެނިވެރިޔާއަށް އަންގައިފިއެވެ. އެ ނިންމުން މުރާޖައާކޮށްދިނުމަށް ބެލެނިވެރިޔާ އެދުނު ނަމަވެސް، ކުދިން ސްކޫލަށް ވައްދަނީ ގާނޫނުގައިވާ އުމުރާ އެއްގޮތަށް ކަމަށް މިނިސްޓްރީން ޖަވާބު ދިނެވެ.

މިނިސްޓްރީގެ ނިންމުމަކީ ގާނޫނީ އިމުގެ ތެރެއިން އަޅާފައިވާ އިދާރީ ފިޔަވަޅެއް ނޫން ކަމަށް ބުނެ، ބެލެނިވެރިޔާ ސިވިލް ކޯޓަށް ޖުޑީޝަލް ރިވިއުގެ ދައުވާއެއް ހުށަހެޅިއެވެ. ސަރކިއުލަރއަކީ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތެރެއިން ހުރިހާ ކުދިންނަށް ހަމަހަމައަށް ތަތުބީގުކުރެވޭ އުސޫލެއް ކަމަށާއި، ކުއްޖާ ސްކޫލަށް ވެއްދިއިރު ސޮއިކުރި ފޯމުގައި ވެސް އުމުރު ހަމަނުވާނަމަ ރިޕީޓްކުރަންޖެހިދާނެ ކަމަށް އަންގާފައިވާތީ، ސިވިލް ކޯޓުން ދައުވާ ބޭރުކޮށްލިއެވެ.

ބެލެނިވެރިޔާ ކުރި އިސްތިއުނާފުގައި 26 ޖަނަވަރީ 2026 ގައި ހައިކޯޓުން ކަނޑައެޅީ، އުމުރުފުރާ ގާނޫނުގައި ސާފުކޮށް އޮތުމުން ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނެއް ނުއުފެދޭ ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާއާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާގެ ދަށުން، ކޮންމެ ކުއްޖެއްގެ މަސްލަހަތާއި ގާބިލުކަމަށް ވަކިން ރިއާޔަތްކުރަންޖެހޭ ކަމަށް ހައިކޯޓުން ބުނެއެވެ. ބެލެނިވެރިޔާ އަމިއްލަ ގޮތުން ހަދައި ހުށަހެޅި އެސެސްމަންޓްތަކަށް ރިއާޔަތްނުކޮށް މިނިސްޓްރީން ބަލާފައިވަނީ ހަމައެކަނި ކުއްޖާގެ އުމުރަށް ކަމަށް ހައިކޯޓުން ފާހަގަކުރިއެވެ. 12 އަހަރުގެ ކުއްޖަކަށް އޭ-ލެވެލްގައި ކިޔެވުމުގެ ފުރުސަތު ދައުލަތުން ދީފައިވާ ކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓަށް ދައުލަތުން އިސްތިއުނާފުކުރީ ހައިކޯޓުގެ ނިންމުމުގެ އެ ދެވަނަ ބައި އެކަނިއެވެ. ދައުލަތުން ބުނީ، ތައުލީމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލަށް ކުއްޖާ ވެއްދޭނީ 4 އަހަރު ފުރުމުން ކަމަށް ބުނާއިރު، އެ މާއްދާގައި ނެތް ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ހުކުމްކުރީ ފަރާތްތަކުން ފައިސަލާކޮށްދިނުމަށް އެދިފައިނުވާ ކަމެއްގައި ކަމަށެވެ. އަދި ތައުލީމީ ސިޔާސަތު ކަނޑައެޅުމުގެ ބާރު 12 ވަނަ މާއްދާގެ ދަށުން މަޖިލީހުން ދީފައިވަނީ މިނިސްޓްރީއަށް ކަމަށާއި، ހައިކޯޓުގެ އަމުރަކީ އެ ބާރު ގެއްލޭ އަމުރެއް ކަމަށް ދައުލަތުން ބުނެއެވެ. ސައިކޮލޮޖިކަލް އެސެސްމަންޓަކަށް ބަލައި ކުއްޖެއްގެ ގްރޭޑް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީގެ އެއްވެސް ގަވާއިދެއް، އުސޫލެއް ނުވަތަ ސިޔާސަތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ ރައުޔު ލިޔުއްވި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ވިދާޅުވީ، ތައުލީމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި 14 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ (1) އެކުގައި ކިޔުމުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުއްޖާގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން ކަމަށެވެ. ޕްރީސްކޫލް ތައުލީމަކީ 4 އަހަރާއި 6 އަހަރާ ދެމެދު ދެވޭ ތައުލީމު ކަމަށާއި، 4 އަހަރުގައި ޕްރީސްކޫލަށް ވައްދާ ކުއްޖާ މަޖުބޫރު ތައުލީމު ނިމޭ 16 އަހަރު ފުރޭއިރު ގްރޭޑް 10 ނިމޭ ގޮތަށް ނިޒާމު ބައްޓަންކޮށްފައިވާ ކަމަށް ވެސް އެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިވެފައިވާއިރު، ތައުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ތަންފީޒީ ބާރުގެ ހައިސިއްޔަތުން މިނިސްޓްރީގެ މަސައްކަތެއް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. ޕްރީސްކޫލަށް ކުއްޖާ ވެއްދޭނީ 4 އަހަރު ފުރުމުން ކަމަށް މަޖިލީހުން ސާފުކޮށް ބުނެފައިވާއިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ވިދާޅުވީ: "ޢަމަލުކުރާނެ އާ މިންގަނޑެއް ކަނޑައަޅައި އެކަން ކުރަން ތަންފީޛީ އިދާރާއަށް އެންގުމަކީ ކޯޓުގެ އިޚްތިޞާޞުން ބޭރު ކަމެކެވެ."

އެހެން ނަމަވެސް، އާދަޔާ ހިލާފު ގާބިލުކަން ހުރި ތޫނުފިލި ކުދިންނަށް ހަމަހަމަކަމާއެކު ފުރުސަތު ފަހިކޮށްދޭނެ ސިޔާސަތުތަކެއް ކަނޑައެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. މިފަދަ ކުދިންނަކީ ގައުމުގެ މުސްތަގުބަލަށް އެންމެ އަގުބޮޑު މުދަލެއް ކަމަށް ބުނެ، ކުއްޖާގެ ޖިސްމާނީ އުމުރަށް އެކަނި ބެލުމުގެ ބަދަލުގައި ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީ، ދިރާސާގެ މައްޗަށް ބިނާކޮށް ހުރިހާ ކުދިންނަށް އެއްހަމައަކަށް ހިނގާނެ ނިޒާމެއް ވީހާ އަވަހަކަށް ގާއިމުކުރަން ތައުލީމީ ސިޔާސަތު ކަނޑައަޅާ ފަރާތަށް ސުޕްރީމް ކޯޓުން ގޮވާލިއެވެ. އެއް ކުއްޖަކަށްޓަކައި މުޅި ނިޒާމު ބަދަލުނުކުރެވުނު ނަމަވެސް، އެފަދަ ނިޒާމެއް ބޭނުންވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލައިދެއްވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ. ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ. ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނެއް ނުއުފެދޭ ކަމަށް ހައިކޯޓުން ކަނޑައެޅި ފުރަތަމަ ބަޔަށް އިސްތިއުނާފުކޮށްފައި ނުވާތީ، އެ ބައި ބަދަލެއް ނުވެ ދެމިއޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން: ސުޕްރީމް ކޯޓުކޯޓް ރޫމް | ގަޑިއިރެއް ކުރިންދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 3 ދުވަސް ކުރިންނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 12 ދުވަސް ކުރިންހުޅުމާލޭ ގޯއްޗެއް ވިއްކިކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 15 ދުވަސް ކުރިން