ރަސްމާލެ މަޝްރޫއަށް ހުރަސްއަޅަނީ 2028 ގެ އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނެތީ ބިރުން: މަހްލޫފް
31 އޮކްޓޯބަރު 2026 - 04:03

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާދަވެރި ސިޔާސީ ލީޑަރުން އަޑުއުފުލައި ހުރަސްއަޅަން މަސައްކަތް ކުރަނީ، އެ މަޝްރޫއުގެ ސަބަބުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރައްވަފާނެތީ ބިރުން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށި ދުވަސްވަރު އެއީ ބޭކާރު ހަރަދެއް ކަމަށާއި، ބޭކާރު ވެލިގަނޑެއްގެ ގޮތުގައި ސިފަކޮށް އެތަނުގައި ދިރިއުޅޭނެ ބަޔަކު ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެ ވާހަކަތަކުގެ ރާގު ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މަހްލޫފް ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އިސްލާމީ ގައުމެއްގެ، ގާބިލުކަން ހުރި ބޮޑު ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި ބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތެއްގެ ގޮތުގައި ދަމަހައްޓައި، ދޫކުރަނީ ކުއްޔަށް ކަމަށާއި، ހުރިހާ ކަމެއްވެސް ހިނގާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރާ ވަރުގަދަ ނިންމުމެއް އޮތްއިރު، ރަސްމާލެއިން ޔަހޫދީންނަށް އެއްވެސް ބިމެއް ނުވަތަ ތަނެއް ނުގަނެވޭނެ ކަމަށާއި އެއްވެސް ވިޔަފާރިއެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި އެ ސަރަހައްދުގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ އިގްތިސާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މަހްލޫފް ވިދާޅުވީ، މިއީ 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 50,000 ވަޒީފާ އުފެދި، ދިވެހިންނަށް އެތައް ބިލިއަން ރުފިޔާއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ލިބިގެންދާނެ ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އާންމުންނަށް 5,000 ފްލެޓް ލިބި، ދައުލަތަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ވަދެ، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ. ޑޮލަރުގެ ރޭޓު ހަމައަކަށް އެޅުމުން ތަކެތީގެ އަގު ހެޔޮވެ، އާންމު ރައްޔިތުމީހާގެ ދިރިއުޅުން ތަނަވަސްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ބަޔަކު ދައްކާ ސިޔާސީ ވާހަކަތަކަށް ނޫނެކޭ ބުނަންޖެހޭ. މި ޕްރޮޖެކްޓުގެ ބިޔަކަމާއި އަދި ރައްޔިތުންނަށް އޮތް ފައިދާގެ ބޮޑުކަމުން، 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުޢިއްޒު ކާމިޔާބު ކުރައްވަން މަގުފަހިވާ ބޮޑު ސަބަބަކަށް ވާތީ ވާދަވެރިން ބިރުގަންނަނީ. ހަމައެކަނި ބޭނުމަކީ އެކަމަށް ހުރަސްއެޅުން،" މަހްލޫފް ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 12 ބިލިއަނާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގުހުރި މަޝްރޫއެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ. މަހްލޫފް ވަނީ މިއީ ރާއްޖޭގެ ތަރައްގީއަށް ކޮންމެހެން ކުރިއަށްގެންދަންޖެހޭ މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވެ، އެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ.

-01.jpg&w=3840&q=75)
