10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފި
31 އޮކްޓޯބަރު 2026 - 13:17

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފެށި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަދި މޯލްޑިވްސް އެކްސްޕޯއަށް މިހާތަނަށް 205،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެއީ އެވްރެޖުކޮށް ބަލާއިރު ދުވާލަކު 41،000 މީހުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" އަކީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އެ ދާއިރާއިން ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މައުރަޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވި މި މައުރަޒު ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު މި މައުރަޒާއި އެކްސްޕޯ އަލުން ބާއްވަން ފެށީ ވިލުންތެރި އައު ވިސްނުންތަކާ އެކު ވަރަށް ފުޅާ ދާއިރާއެއްގައެވެ. އަދި އަހަރުން އަހަރަށް މައުރަޒު އިންތިޒާމުކުރާ ގޮތް ތަރައްޤީކުރަމުން އަންނަ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުމެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމެވެ.
މިފަހަރުގެ މައުރަޒު ކުރިއަށްގެންދަނީ ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމަނައިގެންނެވެ. އެގޮތުން 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ، 4،400 އަށް ވުރެ ގިނަ އުފެއްދުން ވަނީ މައުރަޒަށް ހުށަހަޅާފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މި މައުރަޒު އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

-01.jpg&w=3840&q=75)
