ބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓް
2 ނޮވެމްބަރު 2026 - 13:46

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްގެ ފުރުސަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމައިފި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓް ބަހުސް ކުރިއަށްގެންދާނޭ ގޮތާމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާއިރު، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވަނީ ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓާއި، ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ކޮންމެ މެންބަރަކަށް 7 މިނެޓް ދިނުމަށެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ހުށަހެޅި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ހާއްސަކޮށްފައިވަނީ ރިކަރެންޓް ޚަރަދަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ދިނުމާއި، ހިންގުމުގެ އެހެނިހެން ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ.
މީގެއިތުރުން، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭހެން 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ބިން ހިއްކުމާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވެއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންގޮސް 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

-01.jpg&w=3840&q=75)
