ޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީ
2 ނޮވެމްބަރު 2026 - 20:16

ރާއްޖޭގެ ޒުވާނުންގެ 99 އިންސައްތައަކީ ތަޢުލީމީ އާބާދީއެއް ކަމަށާއި، އެހެންކަމުން ތަޢުލީމާ ގުޅޭ ޤާނޫނުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. އެ ބިލަކީ މުހިންމު އިޞްލާޙުތަކެއް ހިމެނޭ ބިލެއްކަން ފާހަގަކުރައްވައި އައިބީ ވަނީ ބިލު ހުށަހެޅުއްވި މެންބަރަށް ޝުކުރު އަދާކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ބަހުސްގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، ރާއްޖޭގައި ތަޢުލީމީ ޒުވާނުންގެ ނިސްބަތް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 98.2 އިންސައްތަ ކަމަށާއި، 15 އަހަރާއި 24 އަހަރާ ދެމެދުގެ އާބާދީގެ 99.73 އިންސައްތައަކީ ތަޢުލީމު އުނގެނެމުންދާ އަދި އުނގެނިފައިވާ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖެ 24 ވަނައިގައި އޮތްއިރު، ޤާނޫނަށް ގެންނަ އިޞްލާޙުތައް ވާންވާނީ މި ޒަމާނުގައި ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަވާނެ އަދި އެކި މަރުޙަލާތަކުގައި ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭނެ އިޞްލާޙުތަކަކަށް ކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ މައްޗަށް ވެސް އައިބީ އަލިއަޅުއްވައިލެއްވިއެވެ. މި މަހުގެ 24 ވަނަ ދުވަހު ވެސް 125 އެއްހާ ރަށަށް ނިސްބަތްވާ 352 ޒުވާނުން (288 ފިރިހެން އަދި 64 އަންހެން ދަރިވަރުން) އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވައި، ތަޢުލީމާއި ތަރުބިއްޔަތު ކުރިއެރުވުމަށް އެފަދަ ކަންކަމަށް ވެސް ޤާނޫނު އިޞްލާޙުކުރާއިރު ރިޢާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ 2،116 ދަރިވަރުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި 1،201 އަންހެން ދަރިވަރުންނާއި 915 ފިރިހެން ދަރިވަރުން ހިމެނޭކަން އައިބީ ހާމަކުރެއްވިއެވެ. އެހެންކަމުން މި ބިލު އިޞްލާޙުވެގެންދާއިރު، ރާއްޖެއިން ބޭރުގައާއި ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ޤާނޫނު ބައްޓަންވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
