ޑޮލަރު ދޫކުރި މިންވަރު %80 އިތުރު، ތެލަށާއި ކާޑަކަށް ނުޖެހޭނެ: މިނިސްޓަރު ސައީދު
5 ނޮވެމްބަރު 2026 - 13:09

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 15.42 ގެ ރޭޓުން ޑޮލަރު ދޫކުރި މިންވަރާ އަޅާބަލާއިރު، މި ސަރުކާރުގައި ޑޮލަރު ދޫކުރި މިންވަރު 80 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ކުރިއަށްދިޔަ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އައި ބަދަލުތަކާއި، ޚާއްޞަކޮށް އީރާނާއި އެމެރިކާގެ މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކްރައިސިސް ކޮމިޓީގެ ސަބަބުން، ރާއްޖެ ތެލާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ގޭހަށް ނުޖެހި ސަލާމަތްކުރެވުނު ކަމަށެވެ. މީގެއިތުރުން، ރާއްޖޭގައި އަލަށް ފެށި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރު (1.39 ބިލިއަން ދިވެހި ރުފިޔާ) ލިބިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ކޮންމެ ދުވަހަކު 164 އައިޓަމެއްގެ އަގު މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ކެބިނެޓުން ނިންމަވައިގެން މީގެކުރިން 3 ބާވަތެއްގައި އޮތް އަސާސީ މުދަލުގެ ލިސްޓަށް 10 ބާވަތުގެ ތަރުކާރީއާއި 10 ބާވަތުގެ މޭވާގެ އިތުރުން މުގާއި ކާށްޓާއި ބިސް ހިމަނައިގެން 26 އަށް އިތުރުކުރި ކަމަށާއި، 31 އޮގަސްޓް 2026 ގެ ނިޔަލަށް އެ ލިސްޓު 80 ބާވަތަށް ފުޅާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވިޔަފާރީގެ ޒަމާނީ އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ތިލަފުށި އިންޓަރނޭޝަނަލް ޕޯޓު ފުރިހަމަ އޮޕަރޭޝަނަށް ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަކީ ނޮވެންބަރު 2027 ކަމަށެވެ. އޮކްޓޫބަރު 2026 ގައި ދޯނިފަހަރުން މުދާ ކްލިއަރ ކުރަން ފަށާފައިވާއިރު، ޑިސެންބަރު 2026 ގެ ނިޔަލަށް ދޯނިފަހަރުގެ މުދާ އެއްކޮށް ތިލަފުށްޓަށް ބަދަލުކުރުމުން މާލެއާއި ހުޅުމާލޭގެ ކީވޯލް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ނޮވެންބަރު 2027 ގައި ބައިނަލްއަޤްވާމީ އަދި އެތެރޭގެ ހުރިހާ ކާގޯ ކްލިއަރަންސެއް އެއްކޮށް ތިލަފުށްޓަށް ބަދަލުވާނެއެވެ.
ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އެއްވެސް ބިޒްނަސް ސެންޓަރެއް ބަންދުނުކުރާ ކަމަށާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 12 ސެންޓަރުން މިހާރުވެސް ޚިދުމަތް ދެމުންދާކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ދެފުށްފެންނަ މިންވަރު ހާމަކުރައްވަމުން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު 192 އާރު.ޓީ.އައި އަކަށް ޖަވާބު ދީފައިވާ ކަމަށާއި، އެމަނިކުފާނު އަމިއްލަފުޅަށް 184 ފަހަރު މީޑިއާއާ ބައްދަލުކުރައްވައި މަޖިލީހަށްވެސް ފުރިހަމައަށް ޖަވާބުދާރީވަމުން ގެންދަވާ ކަމަށެވެ.

-01.jpg&w=3840&q=75)
