ދުންފަތް ކޮންޓްރޯލް ކުރުމަށް މަދަނީ ޖަމްޢިއްޔާތަކާއެކު މަޝްވަރާތައް ފަށައިފި
24 އޮކްޓޯބަރު 2024 - 09:58

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހެދުމުގެ ގޮތުން، ދާއިރާގެ ފަންނީ އެކިއެކި ފަރާތްތަކާއެކު މަޝްވަރާގެ ބައްދަލުވުންތަކެއް ފަށައިފިއެވެ.
އެގޮތުން، ބޭއްވި ފުރަތަމަ ބައްދަލުވުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އާއި ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާ ދެމެދު އިއްޔެ ވަނީ ބާއްވާފައެވެ.

Ad by Hajj Corporation
އެ މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤާނޫނު ނަންބަރު 2010/15 ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ޙައްޤުތަކާ ޒިންމާތަށް ކަށަވަރުކުރުމުގެ ގޮތުން އެ ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ޤަވައިދުތަކުގެ ތެރެއިން "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" އެކުލަވާލުމާއި ގުޅޭ ގޮތުންނެވެ.
ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، މި ޤަވާޢިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، މިކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކާއި މަޞްލަޙަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެ އިތުރުން، ޤަވާއިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޒު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ.
މި ދެ ޤަވާއިދު ގެޒެޓް ކޮށް ތަންފީޒުކުރަން ފެށުމަކީ، ޤާނޫނުގެ މުޅި މަޤްޞަދު ޙާޞިލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކަށް އަދި ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް އިތުރުކުރިއެރުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.


