ދަރިފުޅު ގޯނާއަށް ދޫކޮށްލި މަންމަ 18 އަހަރަށް ޖަލަށް
6 ނޮވެމްބަރު 2026 - 12:46

ކުޑަކުއްޖެއް ކަމަށްވާ އަމިއްލަ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަން ރިޕޯޓުނުކުރުމުގެ ކުށުން ހދ. ކުޅުދުއްފުށީގެ އަންހެނަކު ކުށްވެރިކޮށް ކުރި 18 އަހަރާއި 6 މަހުގެ ޖަލު ހުކުމްތައް ސުޕްރީމް ކޯޓުން އަނބުރާ ދަމަހައްޓައިފިއެވެ.
ސުޕްރީމް ކޯޓުން 2021/SC-A/62 އަދި 2021/SC-A/63 މައްސަލަތައް އެކުގައި ބަލައި ހުކުމް ކުރީ 04 ނޮވެންބަރު 2026 ގައި، ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދައުލަތުން ކުރި އިސްތިއުނާފުގައި، ދެ ހުކުމްވެސް ބާތިލުކޮށް ހައިކޯޓުން ކުރި ނިންމުންތައް ސުޕްރީމް ކޯޓުން ބާތިލުކޮށް، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ހުކުމްތަކަށް ތާއީދުކުރިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުކުމުގައިވާ ގޮތުން، އެ އަންހެނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި އުފުލީ 04 ސެޕްޓެމްބަރު 2016 ގައެވެ. ފުރަތަމަ ދައުވާއަކީ، 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އެހެން މީހަކު ލައްވައި ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ، މަގުފަހިކޮށްދިނުމުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުވުމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ އެކަން އެނގިހުރެ ފުލުހުންނަށް ރިޕޯޓުނުކުރުމުގެ ދައުވާއެވެ. ކުއްޖާގެ އެސެސްމަންޓް ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓު، ކުއްޖާގެ ވީޑިއޯ ބަޔާނާއި ހެކިބަސްތަކާއި، އޭނާ ފުލުހުންނަށް ދިން ބަޔާނުގެ މައްޗަށް ބިނާކޮށް، ފުރަތަމަ ދައުވާއިން 18 އަހަރާއި ދެވަނަ ދައުވާއިން 6 މަހުގެ ޖަލު ހުކުމް މެޖިސްޓްރޭޓް ކޯޓުން ކުރިއެވެ.
އޭނާ އެ ހުކުމްތައް އިސްތިއުނާފުކުރުމުން، ހައިކޯޓުން 2018/HC-A/18 އަދި 2018/HC-A/19 ގަޒިއްޔާތަކުގައި ދެ ހުކުމްވެސް ބާތިލުކުރިއެވެ. މައްސަލަ މެޖިސްޓްރޭޓް ކޯޓުގައި ބެލިއިރު މައްސަލައިގެ ލިޔުންތައް އޭނާއަށް ލިބުނުކަން ކަށަވަރުނުކުރެވޭތީ، ދިފާއުވުމަށް އެކަށީގެންވާ ވަސީލަތް ލިބިދީފައި ނުވާ ކަމަށް ހައިކޯޓުން ބުންޏެވެ. ރިޕޯޓުނުކުރުމުގެ ދައުވާއަކީ ތަހުގީގުގައި ތުހުމަތުކުރި ކުށެއް ނޫން ކަމަށް ވެސް ހައިކޯޓުން ބުންޏެވެ. ލިޔުންތައް އޭނާއަށް ދޫކުރިކަމުގެ ރެކޯޑެއް ނެތް ކަމަށާއި، އެ ދުވަސްވަރު ލިޔުންތައް ހަވާލުކުރީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ކަމުން އެކަން ރެކޯޑު ނުކުރާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް އަންގާފައިވެއެވެ.
އޭނާ މެޖިސްޓްރޭޓް ކޯޓުގައި ދައުވާއަށް އިންކާރުކުރިއެވެ. ފުލުހުންނަށް ދިން ބަޔާނުގައި ސޮއިކުރީ ގެއަށް އަވަހަށް ދެވޭނެ ކަމަށް ހީކޮށް ކަމަށް އޭނާ ބުންޏެވެ. ދައުލަތުން ބުނީ، އޭނާ ވަކީލަކު ހަމަޖައްސަން ފުރުސަތު ދީ، ދައުލަތުގެ ހެކިންނާ އޭނާ ސުވާލުކޮށްފައިވާތީ ލިޔުންތައް ލިބިފައިވާކަން އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ މައިގަނޑު ރައުޔު ލިޔުއްވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފާހަގަކުރެއްވީ، ލިޔުންތައް ނުލިބުނު ކަމަށް އޭނާ މެޖިސްޓްރޭޓް ކޯޓުގައި އެއްވެސް ޝަކުވާއެއް ނުކުރާ ކަމެވެ. ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރަތަމަ 15 ދުވަސް، ދެން 7 ދުވަހުގެ ފުރުސަތު ދެ ފަހަރު ދީފައިވާ ކަމަށާއި، ދައުލަތުގެ ހެކިންނާއި ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކާ އޭނާ ސުވާލުކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ވެއެވެ. ހައިކޯޓަށް އިސްތިއުނާފުކުރިއިރު މެޖިސްޓްރޭޓް ކޯޓުގެ ހުރިހާ ލިޔުމެއް ލިބިފައި ހުރި ނަމަވެސް، މައްސަލައިގެ އެއްވެސް ހަގީގަތަކާ މެދު އޭނާ ސުވާލު އުފައްދާފައި ނުވެއެވެ. އެހެންކަމުން ލިޔުންތައް ނުލިބުމަށްވުރެ ލިބިފައިވުން ގާތް ކަމަށް ފަނޑިޔާރު ނިންމެވިއެވެ.
ރިޕޯޓުނުކުރުމުގެ ދައުވާއާ ބެހޭގޮތުން، އޭނާގެ ތަހުގީގު ބަޔާނުގެ ދެވަނަ ސަފްހާގައި އެކަމާ ބެހޭ ސުވާލުތައް ކޮށްފައިވާކަމާއި، ދަރިފުޅަށް ގޯނާކުރާކަން އެނގިހުރެ އެކަން ސިއްރުކުރި ކަމަށް އޭނާ ބުނެފައިވާކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. 2017 ވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ތުހުމަތުކުރާ ކުށުގެ ގާނޫނާއި މާއްދާ ބުނެދޭން ލާޒިމެއް ނުވާތީ، އަމަލާ ބެހޭގޮތުން ސުވާލުކޮށްފައިވާނަމަ ދައުވާ އުފުލީ ރަނގަޅަށް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލަ ބެލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ.

-01.jpg&w=3840&q=75)
