logo
MPL

MPL

ކޯޓް ރޫމް

ދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ނޮވެމްބަރު 2026 - 14:53
ދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫން

ސަރުކާރު އޮފީހެއްގެ ނިންމުމަކުން ގެއްލުމެއް ލިބުނީ ކަމަށް ބުނެ ދައުލަތުން މިލިއަނުން ފައިސާ ހޯދަން ކޯޓަށް ދާ މީހުންނަށް ސުޕްރީމް ކޯޓުން ބޮޑު މެސެޖެއް ދީފިއެވެ. ޖުޑިޝަލް ރިވިއު މައްސަލައެއްގައި ލިބޭނީ ސަރުކާރުން ހެދި ގޯސް ރަނގަޅުކޮށްދިނުން ކަމަށާއި، ފައިސާގެ ބަދަލަކީ އަސާސީ ފަރުވާއެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ހުކުމާއެކު ގެއްލިގެން ދިޔައީ ސ. ފޭދޫ، ޑިއަރެސްޓް، ޢަބްދުﷲ ޝަރީފް ދައުލަތުން ހޯދަން އުޅުނު 2,117,400 އެމެރިކާ ޑޮލަރެވެ. ވިޔަފާރި ކުންފުންޏެއްގައި އޭނާގެ ނަމުގައި އޮތް 51 އިންސައްތަ ހިއްސާ އޭނާގެ ރުހުމެއް ނެތި ބޭރު މީހަކަށް ބަދަލުކުރި ކަމަށް ބުނެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެކޮޅަށް ކުރި ‪2023/SC-A/42 މައްސަލައިގައި، 26 އޮކްޓޫބަރު 2026 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އެއްބަސްވެ ދައުވާ ބޭރުކޮށްލީ ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމް ދަމަހައްޓައިގެންނެވެ. ތިން ކޯޓުން ވެސް އޭނާއަށް ބަދަލު ނުލިބުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަ ފެށިގެން އަންނަނީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުﷲ ޝަރީފްގެ ނަމުގައި އޮތް 51 އިންސައްތަ ހިއްސާ އިޓަލީގެ ރައްޔިތަކަށް ބަދަލުކުރުމަށް ކުންފުނީގެ ބޯޑުން 25 މާރިޗު 2014 ގައި ނިންމުމުންނެވެ. އޭގެފަހުން 8 އޭޕްރީލް 2014 ގައި، ހިއްސާ ބަދަލުކުރުން ކުރިއަށް ނުގެންދިއުމަށް އެދި ޢަބްދުﷲ ޝަރީފް މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ. ނަމަވެސް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން 28 މޭ 2014 ގައި ހިއްސާ ބަދަލުކުރުން ރަޖިސްޓްރީކުރިއެވެ. އޭނާގެ ރުހުމެއް ނެތި ހިއްސާ ބަދަލުކުރި ކަމަށް ބުނެ ބަދަލަށް އެދި ސިވިލް ކޯޓުގައި ކުރި ‪787/Cv-C/2019 މައްސަލައިގައި، ހިއްސާ ބަދަލުކުރީ އޭނާގެ ރުހުމާއެކު ކަމަށް ބުނެ ބަދަލު ނަގައިނުދިނުމަށް ނިންމިއެވެ. ހައިކޯޓުގެ ‪2021/HC-A/373 މައްސަލައިގައި ވެސް އެ ހުކުމް ދަމަހައްޓައިފައިވެއެވެ.

ސުޕްރީމް ކޯޓުގައި ޢަބްދުﷲ ޝަރީފް ބުނީ، ދައުލަތާއި ކުންފުނި ދެމެދު ވެވިފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގައި ދިވެހިންގެ ހިއްސާ 51 އިންސައްތައަށްވުރެ ދަށްވެގެން ނުވާނެ ކަމަށް ބުނާއިރު، އޭނާގެ ހިއްސާ ބޭރު ފަރާތަކަށް ބަދަލުކުރުމުން އެ ނިސްބަތް ގެއްލުނު ކަމަށެވެ. އަދި ހިއްސާ ބަދަލުކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ލިޔުމުން ނުހޯދާ ކަމަށާއި، ފޮރިން އިންވެސްޓްމަންޓް ގާނޫނާ ޚިލާފުވާ ކަމަށް ހުށަހެޅި ނުކުތާ ހައިކޯޓުން ބަލައިނުގަތުމަކީ އިންސާފާ ދުރު ނިންމުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ދައުލަތުން ބުނީ، ހިއްސާ ބަދަލުކުރަން ނިންމަނީ ކުންފުނިން ކަމަށާއި، ރަޖިސްޓްރާރުގެ ދައުރަކީ ގަވާއިދާ އެއްގޮތަށް ކުރި ބަދަލު ރެކޯޑުކުރުން ކަމަށެވެ.

މައްސަލައިގެ މައިގަނޑު ރައުޔު ލިޔުއްވި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފާހަގަކުރެއްވީ، ޖުޑިޝަލް ރިވިއު މައްސަލައެއްގައި ކޯޓުން ބަލަނީ ދައުލަތުގެ އޮފީހުގެ ނިންމުމަކީ އެ އޮފީހަށް ލިބިފައިވާ ބާރުގެ ތެރެއިން، އިންސާފުވެރި އުސޫލަކުން ނިންމި ނިންމުމެއްތޯ ކަމަށެވެ. ކުރުކޮށް ބުނާނަމަ، ކަންތައް ހިނގާފައިވަނީ ރަނގަޅު ގޮތުގައިތޯ ބެލުމެވެ. އެފަދަ މައްސަލަތަކުގައި ކޯޓުން ނެރެނީ ގެއްލިފައިވާ ހައްގެއް އަނބުރާ ދިނުމަށް، ހެދިފައިވާ ގޯހެއް އިސްލާހުކުރުމަށް ނުވަތަ ނިންމުމެއް ރަނގަޅު ނޫން ކަމަށް ކަނޑައަޅާ އަމުރުތަކެވެ. އެހެންވެ، ސަރުކާރު އޮފީހެއްގެ ނިންމުމަކުން ހައްގެއް ގެއްލިއްޖެނަމަ، އެ ނިންމުމުން ފެށިގެން ވީ އަވަހަކަށް ކޯޓަށް ދާން ޖެހޭ ކަމަށާއި، މިހާރު މަދަނީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުން އެ މުއްދަތަކީ ތިން މަސް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ފައިސާގެ ބަދަލާ ބެހޭގޮތުން ހުކުމުގައި ވަނީ "ޖުޑިޝަލް ރިވިއު މައްސަލަތަކުގައި ފައިސާގެ ބަދަލު ދައުލަތުގެ ކިބައިން ނަގައިދިނުމެއް ނޯވެއެވެ." މި ބަހުންނެވެ. ނަމަވެސް ބަދަލަށް އެދޭ ދޮރު މުޅިން ބަންދެއް ނުވެއެވެ. ބަދަލަށް އެދޭނަމަ އެކަމަށް ހުއްދަކުރާ އެހެން ގާނޫނީ ނައްސެއް ހުންނަން ޖެހޭ ކަމަށާއި، ދައުވާ ފަރުމާކޮށްފައިވާ ގޮތަށް ބަލައި ޖުޑިޝަލް ރިވިއު މައްސަލައާއެކު ބަދަލަށް ވެސް އެދެވިދާނެ ކަމަށް ކޯޓުން ބުންޏެވެ. އޭގެ މިސާލުތަކެއްގެ ގޮތުގައި ގާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން އެދޭ ބަދަލާއި، ޕްރައިވެޓް ލޯގެ ހަމަތަކުގެ ދަށުން ކުރާ ބަދަލުގެ ދައުވާ ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ސަރުކާރު އޮފީހުން ހެދި ގޯސް ރަނގަޅުކޮށްގެން، ކަންތައް ހިނގި ގޮތާއި ވަގުތާއި ހާލަތަށް ބަލާއިރު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށް ކޯޓަށް ފެނިއްޖެނަމަ، ބަދަލު ނަގައިދިނުމަށް ހުރަހެއް ނެތް ކަމަށް ވެސް ކޯޓުން ބުންޏެވެ. ނަމަވެސް މިއީ ކޮންޓްރެކްޓެއް ޚިލާފުވެގެން ނަގައިދޭ ބަދަލާ ތަފާތު، ވަރަށް ކުޑަ އަދަދެއް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސަރުކާރުގެ ގޯހަކުން ގެއްލުމެއް ލިބުނު މީހަކު ފައިސާ ހޯދަން ބޭނުންނަމަ، ބަދަލަށް ހުއްދަކުރާ ގާނޫނީ ބިންގަލެއް ދައްކަން ޖެހޭނެއެވެ. އެނޫން ނަމަ ބަދަލެއް ލިބެން އޮތީ ވެސް ހާއްސަ ހާލަތެއްގައި، ވަރަށް ކުޑަ އަދަދެކެވެ.

މި މައްސަލައަށް އެ އުސޫލު ތަތުބީގުކޮށް ކޯޓުން ބުނީ، ޢަބްދުﷲ ޝަރީފްގެ ރުހުމެއް ނެތި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ކަމެއް ކުރި ކަމެއް އެނގެން ނެތް ކަމަށާއި، އޭނާ ބުނާ ވާހަކަ ތެދު ކަމަށް ބެލިޔަސް ލިބިދޭން ޖެހޭނީ ރަޖިސްޓްރާރު ހެދި ކަމަށް ބުނާ ގޯސް އިސްލާހުކުރުން ކަމަށެވެ. ފައިސާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާކުރުމުގެ ހައްގެއް މި މައްސަލައިގައި ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ހިއްސާ ބަދަލުކުރުމާ ބެހޭގޮތުން ކޯޓުން ބުނީ، 8 އޭޕްރީލް 2014 ގެ ސިޓީން ޢަބްދުﷲ ޝަރީފް މުއާމަލާތަށް ނުރުހޭކަން ސާފުނުވާ ކަމަށާއި، ނުރުހޭނަމަ ހިއްސާ ބަދަލުކުރުމުގެ ފޯމު ހުށަނާޅާނެ ކަމަށެވެ. ކޯޓު އަމުރެއް ނުވަތަ މުއާމަލާތް ރޫޅާލިކަން ދައްކާ ޞައްޙަ ލިޔެކިޔުމެއް ނެތި، އެންމެ ފަރާތަކުން ފޮނުވާ ސިޓީއެއްގެ މައްޗަށް ކުންފުނީގެ ނިންމުމަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް ރަޖިސްޓްރާރަށް ނެތް ކަމަށް ވެސް ކޯޓުން ބުންޏެވެ. އެހެނަސް ހުށަހެޅުމުގައި މަކަރާއި ހީލަތް ނުވަތަ ފާޅުކަން ބޮޑު ގާނޫނާ ޚިލާފު ކަމެއް ހުރިކަމަށް ފެނިއްޖެނަމަ، އެކަން ކަށަވަރުވާންދެން ހިއްސާ ބަދަލުކުރުން ވަގުތީގޮތުން މަޑުޖައްސާލުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ފޮރިން އިންވެސްޓްމަންޓް ގާނޫނާ ބެހޭ ނުކުތާއާ މެދު ކޯޓުން ބުނީ، ދަށު ކޯޓުގެ ނިންމުން ގާނޫނުގެ މާއްދާތަކާ ޚިލާފުވި ގޮތެއް ޢަބްދުﷲ ޝަރީފް ބަޔާންކޮށްފައި ނުވާ ކަމަށާއި، އޭނާގެ ބަހުސަކީ ހަގީގަތުގައި އެގްރީމެންޓާ ޚިލާފުވި ކަމުގެ ބަހުސެއް ކަމަށެވެ. ގާނޫނަކާ ޚިލާފުވުމާއި އެގްރީމެންޓަކާ ޚިލާފުވުމަކީ ތަފާތު ދެ ބަހުސް ކަމަށާއި، އޭނާއަކީ އެ އެގްރީމެންޓުގެ ބައިވެރިއެއް ވެސް ނޫން ކަމަށް ކޯޓުން ފާހަގަކުރިއެވެ. އެހެންވެ އެ ނުކުތާ ހައިކޯޓުން ބަލައިނުގަތުން ރަނގަޅު ކަމަށް ކޯޓުން ނިންމިއެވެ.

މި މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. މުޙައްމަދު އިބްރާހީމް، ޢަބްދުﷲ ޙަމީދު އަދި މުޙައްމަދު ސަލީމްއެވެ. ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 28 މިނިޓު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ސަމީރުޚަބަރު | 2 ގަޑިއިރު ކުރިންދަރިފުޅު ގޯނާއަށް ދޫކޮށްލި މަންމަ 18 އަހަރަށް ޖަލަށްކޯޓް ރޫމް | 2 ދުވަސް ކުރިންކުރެދިފުށި ޒަކީއަށް ނުލިބުނީ ފައިސާ ނުދެއްކުމުން: ހައިކޯޓުކޯޓް ރޫމް | 2 ދުވަސް ކުރިން