logo
MPL

MPL

ކޯޓް ރޫމް

ފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ނޮވެމްބަރު 2026 - 08:02
ފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓު

ދެ މީހުންގެ ދެމެދުގައި ފޮނުވި ޒާތީ މެސެޖުތަކަކީ އާންމުކުރި ބަހެއް ނޫންކަމަށް ބުނެ، އެ މެސެޖުތަކުން އަބުރާ ބެހުނު ކަމަށް ބުނެ ކުރި ދައުވާއެއްގައި ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް ކުރީ، މާރިޔާ ޢަދުނާން، ޙަފީޡާ ޢަބްދުލްޣަނީމްގެ މައްޗަށް ކުރި ‪4014-CVC-2021 ނަންބަރުގެ ދައުވާގައެވެ. މި ހުކުމާއެކު، 10,000 ރުފިޔާގެ ބަދަލު ހޯދުމަށް މާރިޔާ ކުރި ދައުވާ ކާމިޔާބު ނުވެއެވެ. ލިބުނު މާއްދީ ގެއްލުމުގެ ބަދަލު ފަހުން ހޯދުމުގެ ހައްގު އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދުނު އެދުމަށްވެސް، އެކަން ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް ކޯޓުން ނިންމިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާރިޔާ ދައުވާކުރީ، ގާތްގަނޑަކަށް 2017 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، ޙަފީޡާ އެކި ދުވަސްތަކުގައި ތަކުރާރުކޮށް މެސެޖުކޮށް، އޭނާގެ ބޮލުގައި ވަގު ބަދުނާމު އަޅުވައި، ފެންނަ ތަނަކުން އެއްޗެހި ގޮވައި އަބުރަށް ގެއްލުން ދިން ކަމަށް ބުނެއެވެ. ދައުވާގައި މާރިޔާ ބުނީ، ފަސްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ކައިފައިވާ މީހެއް ކަމަށާއި، ކުންފުންޏަކަށް ފައިސާ ހޯދަން ދާ މީހެއް ކަމަށް ބުނެ ޙަފީޡާ މެސެޖުކުރި ކަމަށެވެ. މި ތުހުމަތުތައް ކޯޓުގައި ސާބިތުވެފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އޭނާ ނަފްސާނީ ބިރުވެރިކަމެއްގައި ވާކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. ދައުވާ ސާބިތުކުރުމަށް މާރިޔާ ހުށަހެޅީ 10 ލިޔުމެވެ. އެ ހުރިހާ ލިޔުމަކީ ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު މެސެޖުތަކުގެ ސްކްރީންޝޮޓްތަކެވެ.

ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށް ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ދީފައިވާއިރު، ޙަފީޡާގެ އަމަލުތަކުން އެ ހައްގަށް އަރައިގަނެފައިވާ ކަމަށް މާރިޔާ ބުންޏެވެ. ޙަފީޡާގެ ޖަވާބުގައި އަބުރާ ބެހުނުކަމަށް ނުސީދާކޮށް އިއުތިރާފުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ޙަފީޡާ ދައުވާއަށް އިންކާރުކުރިއެވެ. ޒާތީ މައުލޫމާތެއް އާންމުކޮށް ފެންނާނެ ގޮތަކަށް ދެވަނަ މީހަކަށް ނުދާހާ ހިނދަކު އަބުރު ގެއްލިއްޖެ ކަމަށް ނުބެލޭނެ ކަމަށާއި، ހުށަހެޅި ޗެޓް ލޮގުތަކަކީ މާރިޔާ އަމިއްލައަށް ޑިލީޓްކޮށް، ބަދަލުތައް ގެނެސް ތައްޔާރުކުރި ލިޔުންތަކެއް ކަމަށް ޙަފީޡާ ބުންޏެވެ.

ފަނޑިޔާރު ޢަލީ ޢަބްދުﷲ ހުކުމުގައި ފާހަގަކުރީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދެވޭނީ ބުނި ބަހުގައި ހަތަރު ސިފައެއް ފުރިހަމަވެގެން ކަމަށެވެ. އެއީ، ބުނި ބަހަކީ ދޮގު ބަހަކަށް ވުމާއި، ދައުވާކުރާ މީހާއަށް ނިސްބަތްވާ ބަހަކަށް ވުމާއި، އާންމުކުރި ބަހަކަށް ވުމާއި، އޭގެ ސަބަބުން ގެއްލުމެއް ލިބިފައިވުމެވެ. އަދި އެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަހެއް އާންމުކުރި ކަމަށް ބެލޭނީ، އެ ބަސް ބުނީ ދައުވާކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ގާތުގައި ނުވަތަ ހާޒިރުގައި ނަމައެވެ.

މި މައްސަލާގައި ހުށަހެޅުނު މެސެޖުތަކަކީ "އެ ދެ މީހުންގެ ޒާތީ މުޢާމަލާތެއް" ކަމާއި، އެއީ އެހެން މީހުންނަށް ފެންނަ ގޮތަށް ހިނގި ކަމެއް ނޫންކަން އެ މެސެޖުތަކުން އެނގޭ ކަމަށް ފަނޑިޔާރު ނިންމިއެވެ. އެހެންކަމުން އާންމުކުރުމުގެ ސިފަ ފުރިހަމަ ނުވާތީ، މެސެޖުތަކުގައި ބުނެފައިވާ ވާހަކަތަކަކީ ދޮގުތޯ ބެލުމަކާއި، އެ ވާހަކަތައް ހުކުމުގައި ފާހަގަކުރުމަކަށް ކޯޓުން ނުދިޔައެވެ.

އެ ގަވާއިދުގައި، އިންޓަރނެޓުގައި ޖަހާ ލިޔުމާއި، ނޫސް، ރޭޑިއޯ އަދި ޓީވީގައި ފަތުރާ މައުލޫމާތު އާންމުކުރި ކަމަށް ބެލޭނެކަމަށް ބުނެފައިވާއިރު، ތިންވަނަ ފަރާތަކަށް މައުލޫމާތު ލިބިދާނެކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަވެސް އާންމުކުރި ކަމަށް ބެލޭނެކަން ފަނޑިޔާރު ހުކުމުގައި ހަނދުމަކޮށްދިނެވެ. މި ހުކުމުން ދައްކައިދެނީ، ހަމައެކަނި ދެ ފަރާތުގެ ދެމެދުގެ މެސެޖުތައް ހެއްކެއްގެ ގޮތުގައި ހުށަހަޅައިގެން، އަބުރާބެހުމުގެ ބަދަލު ހޯދުމަށް ކުރާ ދައުވާއެއް ކާމިޔާބުވާން ދަތިކަމެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރީ މަދަނީ އިޖުރާއަތުގެ ގާނޫނަށް 16 ޖޫން 2022 ގައި އަމަލުކުރަން ފެށުމުގެ ކުރިން ކަމުން، އެ ގާނޫނުގެ ކުރިން މިފަދަ މައްސަލަތައް ނިންމާފައިވާ ގޮތަށް ރިއާޔަތްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ހުކުމުގައި ބުނެއެވެ. މި މައްސަލަ ބެލީ ސިވިލް ކޯޓުގެ ފަނޑިޔާރު ޢަލީ ޢަބްދުﷲ އެކަނިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފިކޯޓް ރޫމް | 16 މިނިޓު ކުރިންފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓުކޯޓް ރޫމް | 24 މިނިޓު ކުރިންދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 2 ދުވަސް ކުރިންދަރިފުޅު ގޯނާއަށް ދޫކޮށްލި މަންމަ 18 އަހަރަށް ޖަލަށްކޯޓް ރޫމް | 4 ދުވަސް ކުރިން