logo
MPL

MPL

ކޯޓް ރޫމް

ޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2026 - 02:59
ޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ސްޓޫޑިއޯއެއް ސައުންޑްޕްރޫފްކޮށް ނަން ބޯޑު ހެދިކަމަށް ބުނާ މަސައްކަތަށް 1,460,468 ރުފިޔާ މިވެސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ޕީއެސްއެމުން ކުރި އިސްތިއުނާފުގައި، ހައިކޯޓުގެ ‪2020/HC-A/252 ގަޒިއްޔާގެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދެ އިންވޮއިސްއާ ގުޅިގެން ޕީއެސްއެމުން ދައްކަންޖެހޭ ފައިސާއެއް ނުވަތަ އުފުލަންޖެހޭ ޒިންމާއެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިވެސް އިން ބުނީ، ޕީއެސްއެމްގެ ސްޓޫޑިއޯ 1 ސައުންޑްޕްރޫފްކޮށް މަރާމާތުކުރުމުގެ މަސައްކަތަށް 900,470 ރުފިޔާ އާއި، ޕީއެސްއެމްގެ ދެ ނަން ބޯޑު ހެދުމަށް 559,998 ރުފިޔާ ލިބެންޖެހޭ ކަމަށެވެ. 15 މޭ 2019 ގައި ފޮނުވި ދެ އިންވޮއިސްގައި، ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ޖުމްލަ އަދަދުގެ 2 އިންސައްތަ ޖޫރިމަނާ ނަގާނެ ކަމަށް ލިޔެފައިވިއެވެ. ފައިސާ ނުލިބުމުން ސިވިލް ކޯޓަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ‪2481/Cv-C/2019 ގަޒިއްޔާގައި ނިންމިއެވެ. މަސައްކަތް މިވެސް އާ ހަވާލުކުރިކަން ދައްކާ ހެކި ނެތުމާއި، ޕީއެސްއެމްގެ ދެ މުވައްޒަފުން ލިޔުންތަކުގައިވާ ސޮއި އެމީހުންގެ ސޮއި ނޫން ކަމަށް ހެކިބަސް ދިނުމުންނެވެ.

އެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާތިލުކުރިއެވެ. ޕީއެސްއެމްގެ އެތެރޭގެ މެމޯއަކާއި "އިމަރޖެންސީ ހާލަތުގައި މަސައްކަތް ހަވާލުކުރިކަމުގެ ލިޔުމަކަށް" ބަލައި، މަސައްކަތް ކޮށްދީފައިވާކަމާމެދު ޚިލާފެއް ނެތް ކަމަށާއި، އިންވޮއިސްއަށް ޖަވާބު ނުދީ އޮތުމުން އެއްބަސްވުމެއް އުފެދުނު ކަމަށް ހައިކޯޓުން ބުނެފައިވެއެވެ. މަސައްކަތް އެހެން ފަރާތަކުން ކުރިކަމަށް ޕީއެސްއެމުން ބުނާނަމަ އެކަން ސާބިތުކުރަންޖެހޭނީ ޕީއެސްއެމުން ކަމަށްވެސް ހައިކޯޓުން ބުނިއެވެ. ތަފާތު ރައުޔެއް ދެއްވި ފަނޑިޔާރު ވިދާޅުވީ، މަސައްކަތް ރަސްމީ ގޮތުގައި ހަވާލުކުރިކަން ނޭނގޭތީ ދައުވާ ސާބިތުވާ ހަމައެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި ޕީއެސްއެމުން ބުނީ، ހެކި ހުށަހެޅުމާއި ސާބިތުކުރުމުގެ އުސޫލުތަކާ ހިލާފަށް ހައިކޯޓުން ކޮންޓްރެކްޓެއް އޮތްކަމަށް ނިންމި ކަމަށާއި، ޕީއެސްއެމާ ދެކޮޅަށް ބިގް ބޮކްސް އިން ކުރި މި ބާވަތުގެ ކުރީގެ މައްސަލައެއްގެ ހުކުމަށް ހައިކޯޓުން ރިއާޔަތްނުކުރި ކަމަށެވެ. ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މިވެސް އިން ބުނިއެވެ.

މައްސަލައިގެ މައިގަނޑު ރައުޔު ލިޔުއްވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ، ދައުވާ ސާބިތުކުރުމުގެ ބުރަ އޮންނަނީ ދައުވާކުރާ ފަރާތުގައި ކަމަށާއި، ދައުވާއަށް އިންކާރުކުރާ ފަރާތުން އެކަން ނުވާކަން ސާބިތުކޮށްދޭކަށް ނުޖެހޭ ކަމަށެވެ. މިވެސް ބަރޯސާވީ ޕީއެސްއެމްގެ އެތެރޭގެ ލިޔުންތަކަށް ކަމަށާއި، އެ ލިޔުންތައް ލިބުނު ގޮތާއި އޭގެ ސައްހަކަން މިވެސް އިން ސާބިތުކޮށްދީފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.

ގާނޫނަކުން އުފައްދާފައިވާ ސަރުކާރު ކުންފުންޏެއް ކަމުގައިވާ ޕީއެސްއެމްގެ މުދަލާއި ޚިދުމަތް ހޯދުމުގެ ސިޔާސަތުގައި، ކުއްލި ހާލަތެއްގައިވެސް ލިޔުމުން އެއްބަސްވުމެއް ހެދުން ލާޒިމުކުރާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. މިވެސް އާ މަސައްކަތް ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ އަގަށް އެއްބަސްވިކަމުގެ ހެއްކެއް ނެތުމުން، "ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ބުނެވިދާނެ ކަމަކަށް ނުދެކެމެވެ" ކަމަށް ހުކުމުގައި ވެއެވެ. އަދި އިންވޮއިސްއަކަށް ޖަވާބު ނުދީ ހަނުހުރުމަކީ އޭގައިވާ ޝަރުތުތަކަށް ރުހުމެއް ނޫން ކަމަށްވެސް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

ރަސްމީ އުސޫލުން ބޭރުން ކުރި މަސައްކަތަކަށްވެސް ކޯޓަށް އެކަށީގެންވާ އަގެއް ކަނޑައެޅިދާނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެކަން ކުރެވޭނީ، މަސައްކަތް ހަގީގަތުގައި ކޮށްފައިވާކަމާއި ހެޔޮ ނިޔަތުގައި ކުރި މުއާމަލާތެއްކަން ސާބިތުވެއްޖެނަމައެވެ. މި މައްސަލައިގައި އިންވޮއިސްގައިވާ މަސައްކަތް ކުރީ މިވެސް އިންކަން ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

ޕީއެސްއެމްގެ މައްޗަށް އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް 2.3 މިލިއަން ރުފިޔާ ހޯދަން ބިގް ބޮކްސް އިން ކުރި ދައުވާއަކީ މި ބާވަތުގެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އެ މައްސަލައިގެ ހުކުމަށް ހައިކޯޓުން ރިއާޔަތްނުކުރުމަކީ، ކުރީގެ އެއްފަދަ ހުކުމްތަކަށް ރިއާޔަތްކުރުން ލާޒިމުކުރާ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ހިލާފުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.

މި މައްސަލަ ބެލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މައިގަނޑު ރައުޔާ ދެ ފަނޑިޔާރުން ވެސް އެއްބަސްވެވަޑައިގެންފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 22 މިނިޓު ކުރިންކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފިކޯޓް ރޫމް | 19 ގަޑިއިރު ކުރިންފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓުކޯޓް ރޫމް | 19 ގަޑިއިރު ކުރިންދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 3 ދުވަސް ކުރިން