ނަޞްރުގެ ދުވަހުގެ ސިފައިންގެ ޚާއްޞަ މައުރަޒު ހއ. ދިއްދޫގައި ހުޅުވައިފި
14 ނޮވެމްބަރު 2026 - 02:13
.jpg&w=3840&q=75)
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ ޚާއްޞަ މައުރަޒު ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ހުޅުވައިފިއެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދުގެ ހަނދާނާ ގުޅުވައިގެން ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
.png&w=750&q=75)
Ad by Hajj Corporation
އާންމުކޮށް ހުޅުވާލައިގެން ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާއަށާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. އެގޮތުން އެ ދުވަހުގެ ހަމަލާތައް ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ދައްކުވައިދޭ ތާރީޚީ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރު އަދި ތަފުޞީލީ ލިޔުންތައް މި މައުރަޒުން ފެންނަން ހުންނާނެއެވެ. މި މައުރަޒު ހުޅުވިފައި ހުންނާނީ ނޮވެންބަރު 13 އަދި 14ވަނަ ދުވަހުގެ ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ޝާއިޢުކުރާ "އައްޑަނަ މަޖައްލާ"ގެ 40ވަނަ ޢަދަދު ވަނީ ނެރެފައެވެ. މި މަޖައްލާ ނެރެދެއްވީ ވެސް ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މީގެ އިތުރުން، ދިއްދޫގައި މި މައުރަޒު އިންތިޒާމުކުރުމަށް ދިއްދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް، އެމްއެންޑީއެފްގެ ފަރާތުން ދިއްދޫ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ. މި ރަސްމިއްޔާތުގައި ސިފައިންނާއި، ދިއްދޫގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ބައިވެރިވިއެވެ.
މި މައުރަޒުގެ އިތުރުން، ނޮވެންބަރު 14ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00އިން 12:00އަށް ދިއްދޫ ބަނދަރުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން"އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ދުވަހުގެ ހަވީރު 16:00ގައި ދިއްދޫ އިސްލާމީ މަރުކަޒު ސަރަހައްދުގައި މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކަކީ ޤައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށް، މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމުގެ މަޤްޞަދުގައި ހިންގޭ ހަރަކާތްތަކެކެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ނޮވެންބަރު 3ގެ ޢުދުވާނުގައި ޝަހީދުވި ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ހއ. ބާރަށުގައި ވެސް މި މައުރަޒު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބާރަށުގައި މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 20 އަދި 21ވަނަ ދުވަހުއެވެ.

-01.jpg&w=3840&q=75)
