ހަކުރުބަލީގެ ފަރުވާ ފުޅާކޮށް، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
14 ނޮވެމްބަރު 2026 - 08:43

ހަކުރުބަލި ކުރީބައިގައި ދެނެގަނެ، ބަލީގެ ހާލަތު ކޮންމެ ގޮތަކަށް ހުރި ނަމަވެސް ކޮންމެ ފަރުދަކަށްވެސް އޯގާތެރިކަމާއި އަޅާލުމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ފަދަ މުޖުތަމައެއް ރާއްޖޭގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ރަސްމީ ސޯޝަލް މީޑިއާ ގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ފަސްޓް ލޭޑީގެ މެސެޖުގައި ވިދާޅުވެފައިވަނީ، ހަކުރުބައްޔާއެކު ދިރިއުޅުމަކީ ގިނަ ބަޔަކަށް ދުވަހުން ދުވަހަށް ދިރިއުޅުމުގެ އާދަކާދަތައް ވަކި އުސޫލަކުން ބެހެއްޓުމާއި، ދުޅަހެޔޮ އިޚްތިޔާރުތައް ކުރުމުގެ އިތުރުން، އުމުރުދުވަހުގެ ފަރުވާއަށް ދެމިތިބުން ކަމަށެވެ. އަދި އަނެއްބައި މީހުންނަށް އެއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ސިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހޭ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ތަފާތު ތަޖުރިބާތަކާއެކުވެސް، ފުރާނަތައް ސަލާމަތްކުރުމަށާއި ބަލީގެ ސަބަބުން ތަހައްމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށްޓަކައި ކުރީބައިގައި ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ފަރުވާގެ މަރުހަލާގައި އާއިލާގެ މެންބަރަކަށް ނުވަތަ ގާތް މީހަކަށް އެހީތެރިވުން ކަމުގައި ވިޔަސް، ގަވާއިދުން ސްކްރީން ކުރުމަށް ހިތްވަރުދިނުން ކަމުގައި ވިޔަސް، ނުވަތަ އެންމެން އެކުގައި ދުޅަހެޔޮ އާދަތައް އިޚްތިޔާރުކުރުން ކަމުގައި ވިޔަސް، ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެއް،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މީގެ އިތުރުން، ހަކުރުބަލި ކުރީބައިގައި ދެނެގަނެވޭނެ ނިޒާމެއް ގާއިމުވެ، ބަލި ތަހައްމަލުކުރާ ކޮންމެ މީހަކަށްވެސް އޯގާތެރިކަމާއެކު އެންމެ އެކަށީގެންވާ ފަރުވާ ލިބޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

-01.jpg&w=3840&q=75)
