logo
MPL

MPL

ކޯޓް ރޫމް

ޓްރޭޑްމާރކްގެ ގާނޫނަށް އަމަލުކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ނޮވެމްބަރު 2026 - 13:48
ޓްރޭޑްމާރކްގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގައި ޓްރޭޑްމާރކް ރަޖިސްޓަރީކޮށް، މާރކްތަކުގެ ވެރިފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ނިޒާމެއް ގާއިމުކުރާ ޓްރޭޑްމާރކްގެ ގާނޫނަށް، 11 ނޮވެމްބަރު 2026 ގައި އަމަލުކުރަން ފަށައިފިއެވެ.

ގާނޫނު ނަންބަރު 19/2025 ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރީ 11 ނޮވެމްބަރު 2025 ގައެވެ. ގާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 12 މަސްދުވަސް ހަމަވާ ތާރީޚުންނެވެ. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކްތައް، ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އައު ގާނޫނާއި އޭގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އަލުން ރަޖިސްޓަރީކުރަން ހުށަހަޅަން ޖެހެއެވެ. އެ މުއްދަތު ހަމަވުމުން، ކުރިން ކޮށްފައިވާ ރަޖިސްޓްރޭޝަން ބާތިލުވީ ކަމަށް ބެލޭނެ ކަމަށް ގާނޫނުގެ 49 ވަނަ މާއްދާގައި ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ޝާއިއުކުރި ބަޔާނެއްގައި އިގުތިސާދީ ތަރައްގީ، ޓްރާންސްޕޯޓާއި ވިޔަފާރީގެ ވުޒާރާއިން ބުނީ، މި ގާނޫނާއެކު ރާއްޖޭގައި ގާނޫނީ ގޮތުން ޓްރޭޑްމާރކް ރަޖިސްޓަރީކުރާ ފުރަތަމަ ނިޒާމު ގާއިމުވި ކަމަށެވެ. ދިވެހި ބްރޭންޑްތަކާއި އުފެއްދުންތަކާއި ވިޔަފާރިތަކުގެ ނަމާއި ހުވިއްޔަތާއި އުފެއްދުންތެރިކަން ހިމާޔަތްކުރުމުގައި މިއީ މުހިންމު ފިޔަވަޅެއް ކަމަށާއި، ވިޔަފާރިތައް ކުރިއަރުވައި، ބައިނަލްއަގުވާމީ ގޮތުން ވާދަކޮށް، ނަކަލުކުރުމުން ރައްކާތެރިވުމަށް މިއީ ވަރުގަދަ ބިންގާއެއް ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ގާނޫނުގައި ޓްރޭޑްމާރކް ކަމަށް ބަލަނީ، އެއް ފަރާތެއްގެ މުދާ ނުވަތަ ޚިދުމަތް އަނެއް ފަރާތެއްގެ މުދަލާއި ޚިދުމަތާ ތަފާތުކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނަކަށެވެ. އޭގެ ތެރޭގައި ނަން، އަކުރު، ނަންބަރު، ފިގަރެޓިވް އެލެމެންޓާއި ކުލަތަކުގެ އެތުރުން ހިމެނެއެވެ. މާރކަކާ ގުޅޭ ހާއްސަ ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެމަތިން އެ މާރކް ރަޖިސްޓަރީކުރުމުންނެވެ. ރަޖިސްޓްރޭޝަނެއްގެ މުއްދަތަކީ 10 އަހަރެވެ. ފީ ދައްކައިގެން އިތުރު 10 އަހަރަށް އާކުރެވޭނެއެވެ. މުއްދަތު ހަމަވުމުގެ ކުރިން އާނުކުރިނަމަވެސް، އިތުރު ފީއަކާއެކު 6 މަސްދުވަހުގެ ތެރޭގައި އާކުރެވޭނެއެވެ.

ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ ވެރިފަރާތަށް، ހުއްދައެއް ނެތި އެއްގޮތް ނުވަތަ އެއްވައްތަރު ނިޝާނެއް އެއްގޮތް ނުވަތަ އެއްވައްތަރު މުދަލެއްގެ ވިޔަފާރީގައި ބޭނުންކޮށްގެން އޮޅުން އެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި، އެ ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ލިބެއެވެ. މަޝްހޫރު މާރކްތަކަށް އިތުރު ހިމާޔަތެއް ލިބޭއިރު، އެއީ ތަފާތު މުދަލަކާ ގުޅޭގޮތުން ބޭނުންކުރިނަމަވެސް، އެ މާރކާ ގުޅުމެއް އޮތްކަން ދައްކައި ވެރިފަރާތަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތްނަމަ ހުއްޓުވޭނެއެވެ. އަދި މުދަލުގެ ފެންވަރު ސެޓިފައިކުރާ ސެޓިފިކޭޝަން މާރކާއި، ޖަމްއިއްޔާތަކާއި ފެޑަރޭޝަންތަކުގެ މެންބަރުންގެ މުދާ ތަފާތުކުރާ ކަލެކްޓިވް މާރކްވެސް ރަޖިސްޓަރީކުރެވޭނެއެވެ.

އެހެން ނަމަވެސް، ވަކި ހާއްސަ ސިފައެއް ނެތް ނިޝާނާއި، ހަމައެކަނި މުދަލުގެ ބާވަތް، ފެންވަރު، އަގު ނުވަތަ އުފެއްދި ތަން ދޭހަކޮށްދޭ ނިޝާނާއި، މުދަލެއްގެ އާންމު ނަމާއި، އާންމު އަޚްލާގީ މިންގަނޑުތަކާ ޚިލާފު ނިޝާން އެއްވެސް ހާލެއްގައި ޓްރޭޑްމާރކެއްގެ ގޮތުގައި ރަޖިސްޓަރީ ނުކުރެވޭނެ ކަމަށް ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެއެވެ.

ހައްގަށް އަރައިގަތުމުން ވެރިފަރާތަށް ކޯޓަށް މައްސަލަ ހުށަހެޅޭނީ، އަރައިގަތްކަން އެނގޭތާ ނުވަތަ އެނގެން ޖެހޭތާ 5 އަހަރު ވުމުގެ ކުރިންނެވެ. މައްސަލައިގައި އަރައިގަތުން ހުއްޓުވުމާއި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރެވޭނެއެވެ. ލަސްވުމުން އިއާދަނުކުރެވޭ ގެއްލުމެއް ލިބިދާނެ ނުވަތަ ހެކި ނެތިދާނެ ހާލަތްތަކުގައި، އަނެއް ފަރާތުގެ ޣައިރު ހާޒިރުގައިވެސް އެފަދަ ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ގެއްލުމުގެ ބަދަލު ކަނޑައަޅާއިރު، މާރކްގެ ވެރިފަރާތުން ހުށަހަޅާ ރީޓެއިލް އަގަށް ކޯޓުން ރިއާޔަތްކުރަން ޖެހެއެވެ.

ގާނޫނުގެ ދަށުން ބޯޑަރުގައިވެސް ފިޔަވަޅު އެޅޭނެއެވެ. ރާއްޖެއަށް އެތެރެކުރަން އުޅޭ މުދަލަކީ ހައްގަށް އަރައިގަންނަ މުދަލެއް ކަމަށް ޝައްކުކުރެވޭނަމަ، އެ މުދަލުގެ ކްލިއަރެންސް ހިފަހައްޓަން އެދި މާރކްގެ ވެރިފަރާތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅޭނެއެވެ. ހުށަހެޅުމުގައި މުދަލާއި ޝިޕްމަންޓާ ބެހޭ އެކަށީގެންވާ މައުލޫމާތު ހިމަނާފައިވާނަމަ، ގިނަވެގެން 3 ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ގޮތެއް ނިންމަން ޖެހެއެވެ. ހައްގަށް އަރައިގަންނަ މުދާ ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މުދާ ނައްތާލުމަށް ނުވަތަ ވިޔަފާރީގެ ބާޒާރުން ނެގުމަށް އަމުރުކުރެވޭނެއެވެ. އަމިއްލަ ބޭނުމަށް، ވިޔަފާރިއަކަށް ނޫން ގޮތުން އެތެރެކުރާ މުދާ މި ބާވަތުގެ މުދަލުގެ ތެރޭގައި ނުހިމެނެއެވެ.

މާރކްގެ ވެރިފަރާތުގެ ހުއްދައެއް ނެތި، ވިޔަފާރިއެއް ކަމުގައި ބެލެވޭހާ ފުޅާކޮށް، ގަސްދުގައި މާރކެއް ކައުންޓަރފީޓްކުރުމާއި، ކައުންޓަރފީޓް މުދަލުން ވިޔަފާރިކުރުމާއި، އެފަދަ މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓްކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 2,000,000 ރުފިޔާއާ ދެމެދުގެ އަދަދަކަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ކައުންޓަރފީޓް މުދަލާއި ކައުންޓަރފީޓްކުރުމަށް ބޭނުންކުރި ތަކެތި ހިފަހައްޓައި، މާރކްގެ ވެރިފަރާތާ ހަވާލުކުރުމަށް، ދައުލަތަށް ނެގުމަށް ނުވަތަ ނައްތާލުމަށް އަމުރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަންވާނީ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ. ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއާއި ކަސްޓަމްސްއިން ހަދަން ޖެހޭ ގަވާއިދުތައް އެ މުއައްސަސާތަކުން ހަދަންވާނެއެވެ. ހުރިހާ ގަވާއިދެއް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ. ވުޒާރާއިން ބުނީ، ޓްރޭޑްމާރކް ރަޖިސްޓަރީކުރުމުގެ ނިޒާމު ހިންގާނީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުން ކަމަށާއި، ރަޖިސްޓަރީއަށް އެދި ހުށަހަޅާ ޕޯޓަލް ހުޅުވާނީ ޓްރޭޑްމާރކްގެ ގަވާއިދު ނެރުމަށްފަހު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރޭޑްމާރކްގެ ގާނޫނަށް އަމަލުކުރަން ފަށައިފިކޯޓް ރޫމް | ގަޑިއިރެއް ކުރިންޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 3 ދުވަސް ކުރިންކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފިކޯޓް ރޫމް | 4 ދުވަސް ކުރިންފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓުކޯޓް ރޫމް | 4 ދުވަސް ކުރިން