ކުޅިވަރުގެ އިންގިލާބެއް: ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
15 ނޮވެމްބަރު 2026 - 16:57

ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި މަޝްރޫއުގެ ދަށުން ފުޓްސަލް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގައި ޖުމްލަ ފަސް ޕިޗު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަރިތަކުރުންތަކަށް ޚާއްސަ ހަތަރު ޕްރެކްޓިސް ޕިޗާއި، ރަސްމީ މެޗުތައް ކުޅުމަށް ބޭނުންކުރާ އެއް މެޗު ޕިޗެވެ. މެޗު ޕިޗަކީ އެހެނިހެން ކުޅިވަރުތައްވެސް ކުޅެވޭ ގޮތަށް ފަރުމާކުރެވޭ މަލްޓި-ސްޕޯޓްސް ޕިޗެކެވެ. މީގެ އިތުރުން މި ކޮމްޕްލެކްސްގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭނުންވާ ޗޭންޖިންގ ރޫމްތަކާއި، ޒަމާނީ ފެންވަރުގެ ޖިމެއްގެ އިތުރުން ކެފޭތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖިއޯ ވޭވް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 15 މަސްދުވަހުގެ މުއްދަތެކެވެ.
ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ކޮމްޕްލެކްސްއާއެކު ވޭތުވެދިޔަ 30 އަހަރު ދުވަހު ރާއްޖޭގައި ކުޅިވަރު ކުޅެން އެންމެ އިންޑޯއެއް އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި ވަސީލަތްތައް ގާއިމުކުރެވިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން އެލީޓް އެތުލީޓުން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މި ވަސީލަތްތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް، ކުޅުންތެރިންނަށް ފަރިތަކުރުންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އިތުރު ވަގުތު ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އާދީއްތަ ދުވަހު ވަނީ ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރާ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތްވެސް ފަށައިފައެވެ. ފުޓްސަލް އެރީނާގައިވެސް ފަސް ޕިޗު ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ޕްރެކްޓިސް ޕިޗާއި އެއް މަލްޓި-ސްޕޯޓްސް މެޗު ޕިޗެވެ. މި އެރީނާއަކީ އެއްފަހަރާ 900 މީހުންނަށް މެޗުތައް ބަލަން ވަދެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް ތަރައްގީކުރެވޭ ތަނެކެވެ.

-01.jpg&w=3840&q=75)
