ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދު %4 ކުރިއަރައިފި
16 ނޮވެމްބަރު 2026 - 07:11

ރިއަލް އެސްޓޭޓާއި ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް %4 ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން ނެރުނު "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިޔަން ރުފިޔާގައެވެ. މިއީ ކުރީ އަހަރުގެ ސެޕްޓެންބަރު މަހަށްވުރެ 330 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އޮގަސްޓު މަހު އަހަރީ ކުރިއެރުން ހުރި %2.4 އަށްވުރެ މިއީ މަތި އަދަދަކަށް ވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއީ %10 ގެ ކުރިއެރުމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މުއްދަތުގައި އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެއީ 0.9 ޕަސެންޓޭޖް ޕޮއިންޓެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވާއިރު، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފައެވެ.
2026 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ވަނީ ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ރެކޯޑުކުރެވިފައެވެ. މި ނުވަ މަސްދުވަހުގެ ޖުމްލަ އިޤްތިޞާދީ އަދަދު 81.1 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %2.5 ގެ ކުރިއެރުމެކެވެ.
ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ބައެއް (%18.5) ހިއްސާކުރި ފަތުރުވެރިކަމުގެ ދާއިރާ ވަނީ މަހުން މަހަށް ބަލާއިރު %29.5 ދަށްވެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ދަށްވުން އައި ނަމަވެސް، ހަމަނުޖެހުން ނިމުމާއެކު ފަތުރުވެރިކަން ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވެއެވެ.
މީގެ އިތުރުން، އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ ދުވެލި %11.6 (1.12 ބިލިޔަން ރުފިޔާ) ދަށްވެފައިވީ ނަމަވެސް، މިއީ 2024 އަދި 2025 ވަނަ އަހަރު ވެސް އޮގަސްޓުން ސެޕްޓެންބަރަށް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހޭ އާންމު އުސޫލުން އައިސްފައިވާ ބަދަލެކެވެ. އެހެންކަމުން، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ހޯދި މަހެވެ.

-01.jpg&w=3840&q=75)
