ކުރިއަށް އޮތް 2 އަހަރު ސަރުކާރުގެ ވަޢުދުތައް ފުރިހަމަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފި
17 ނޮވެމްބަރު 2026 - 14:44

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ރައްޔިތުންގެ މަސްލަހަތު ނަގަހައްޓަވާނެ ކަމަށާއި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމައަށް އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޒުވާނުންގެ ހަކަތަޔާ ނުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެ ކަމަށެވެ. އަދި މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމީ ލޯތްބާއި ހެޔޮ އަޚްލާޤު އަށަގެންނެވުމަށް ހިންގުނު ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާއި، ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ހިންގޭ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢަށް ނުކުމެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކަށް އަލި އަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ނެޓްބޯޅައާއި ފުޓްސަލް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން، ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކްރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަންދެނީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ، ކަރާމާތްތެރި ޚާރިޖީ ސިޔާސަތަކަށް ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އުފުލައި، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް, ސިޑްސް (SIDS) ގެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އަޑަކީ މުހިންމު އަޑެއްގެ ގޮތުގައި މިހާރު ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިޖުތިމާޢީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމުގެ އިތުރުން، އިސްރަށްވެހިންގެ ޚިޔާލާއި ތަޖުރިބާ އަދި މަސައްކަތުގެ އަޚުލާޤު ޒުވާނުންނަށް ފޯރުކޮށްދިނުމަށް "އިސްރަށްވެހިންގެ ނާދީ" މެދުވެރިކޮށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ޚުލްޤު ހެޔޮ އަދި އެކަކު އަނެކަކަށް ކަމޭހިތާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ބޮޑު ޤައުމީ މަޝްރޫޢެއް ސަރުކާރުން ފަށްޓަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
