ސިއްހީ ރެކޯޑުތައް އެޕަކުން، ފައިސާ ދެއްކުން އައިޑީކާޑުން: މޯލްޑިވްސް 2.0 އިން ބޮޑު އިންގިލާބެއް
18 ނޮވެމްބަރު 2026 - 03:03

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ސްމާޓް ކާޑަކަށް ބަދަލުކޮށް، ފައިސާ ދެއްކުމާއި ތަފާތު އެތައް ޚިދުމަތްތަކެއް އެ ކާޑު މެދުވެރިކޮށް ލިބޭނެ އިންތިޒާމު އަންނަ އަހަރު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަން ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި 'މޯލްޑިވްސް 2.0' އިސް ދައުރެއް އަދާކުރާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކޮށް، ކޮންމެ ރައްޔިތަކަށްވެސް އެ މީހެއްގެ ސިއްހީ ރެކޯޑުތައް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަސޭހަކަމާއެކު ބެލެހެއްޓޭނެ ނިޒާމު ގާއިމުކުރެވޭނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން ރައީސް ވިދާޅުވީ، ރަށު ކައުންސިލްތައް ހިމެނޭހެން ދައުލަތުގެ ހުރިހާ އިދާރާތަކަކުން ދޭ ޚިދުމަތްތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް އޮންލައިންކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދައުލަތުގެ ޑިޖިޓަލް އާކައިވެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް 4061 ޒުވާނަކަށް އެކި ދާއިރާތަކުން ލޯނު ފެސިލިޓީ ވަނީ ހަމަޖައްސައިދެވިފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި، ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ޒުވާން ވިޔަފާރިވެރިން ހިމެނެއެވެ. ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އަންނަ ޖެނުއަރީ 1 އިން ފެށިގެން ރޯ މެޓީރިއަލްސް އިން ނަގާ ޑިއުޓީ 0 ޕަސެންޓަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށާއި، ޖީއެސްޓީ ދައްކަންޖެހޭ ތްރެޝްހޯލްޑް ވެސް މަތިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރެވި، ސްވައިޕް ބޭނުންކުރަން ފެށިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ މަގުބޫލު އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ އަލީބާބާ މެދުވެރިކޮށް 400 އަށްވުރެ ގިނަ ދިވެހިންނަށް އެ މީހުންގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
