މަކަރާއި ހީލަތުން ލޯނެއް ދޫކުރިކަމަށް ބީއެމްއެލްއަށް ކުރި ދައުވާ ހައިކޯޓުގައި ސާބިތުނުވި
19 ނޮވެމްބަރު 2026 - 10:15

އަމިއްލަ ނަމުގައި، ނޭނގި ލޯނު އެކައުންޓެއް ހުޅުވައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލޯނެއް ދޫކުރިކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް މީހަކު ކުރި ދައުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.
ހައިކޯޓުގެ ނަންބަރު 2022/HC-A/235 ގަޒިއްޔާގައި 18 ނޮވެންބަރު 2026 ގައި ކުރި ހުކުމުގައި ވަނީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 174/Cv-C-HD/2021 ގަޒިއްޔާގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ހުކުމްކޮށްފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިހެންވުމުން، ދައުވާކުރި މއ. ނައިޓްވިލާ، މުރުޝިދާ އަލީމަނިކު އެދުނު 5,901,045.66 ރުފިޔާގެ ބަދަލެއް ނުލިބޭނެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުކުމުގައިވާ ގޮތުން، މުރުޝިދާ ވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 10806 ގޯތި ގަތުމަށް 11 އެޕްރީލް 2010 ގައި އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަށް 15 ޑިސެންބަރު 2016 ގައި އިސްލާހެއް ވެސް ގެނެސްފައިވެ އެވެ. އޭނާ ސިވިލް ކޯޓުގައި ދައުވާކުރީ، އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް ފައިސާ ދައްކަމުން ދަނިކޮށް، ބީއެމްއެލުން އެޗްޑީސީއާ ގުޅިގެން މަކަރާއި ހީލަތުން އޭނާގެ ނަމުގައި ލޯނު އެކައުންޓެއް ހުޅުވައި، އެޗްޑީސީއަށް ލޯނެއް ދޫކުރިކަމަށް ބުނެ އެވެ. ސިވިލް ކޯޓުން ނިންމީ އެ ދައުވާ ސާބިތުނުވާކަމަށެވެ.
އެ ހުކުމް އިސްތިއުނާފުކުރަމުން މުރުޝިދާގެ ފަރާތުން ބުނީ، ބޭންކުން ދިފާއުގައި ދެއްކި ވާހަކަ ސާބިތުކުރުމަކީ ބޭންކުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް މުޅި ދައުވާ ސާބިތުކުރުމުގެ ބުރަ ދަށުކޯޓުން އޭނާގެ މައްޗަށް ކަނޑައެޅީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އޭނާ އެއްވެސް އިރެއްގައި ލޯނެއް ނުނަގާ ކަމަށާއި، ބޭންކަށް ފޮނުވި ސިޓީން ހުއްދަ ދިނީ ހަމައެކަނި އޭނާގެ އެކައުންޓުން ފައިސާ އުނިކުރުމަށް ކަމަށާއި، އިތުރު އެކައުންޓެއް ހުޅުވައި އިންޓްރެސްޓް ނެގުމަކީ ބޭންކިންގއާ ބެހޭ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލުން ޖަވާބު ދިނީ، މުރުޝިދާގެ ނަމުގައި ލޯނު އެކައުންޓެއް ހުޅުވައި އެހެން ފަރާތަކަށް ލޯނެއް ދޫކޮށްފައި ނުވާނެ ކަމަށެވެ. ބޭންކުން ބުނީ، ކޮންމެ މަހަކު ވަކި އަދަދެއް އޭނާގެ އެކައުންޓުން އުނިކޮށް އެޗްޑީސީއަށް ދެއްކުމަށް އޭނާ ސޮއިކޮށް ބޭންކަށް ލިޔުމުން އަންގާފައިވާ (ޑެބިޓް އިންސްޓްރަކްޝަން) ކަމަށާއި، އެ އެންގުމާ ޚިލާފަށް އެންމެ ލާރިއެއް ވެސް އިތުރަށް އުނިކޮށްފައި ނުވާނެ ކަމަށެވެ. ލޯނު އެކައުންޓެކޭ ބުނާ އެކައުންޓަކީ، އެޗްޑީސީއަށް ދައްކާ ފައިސާގެ ހިސާބު ބެލެހެއްޓުމަށް، އެކައުންޓިންގގެ ބޭނުމަށް ބަލަހައްޓާ އެކައުންޓެއް ކަމަށް ވެސް ބޭންކުން ބުންޏެވެ. މަކަރާއި ހީލަތް ހެދިކަން ސާބިތުކުރުމަކީ ދައުވާކުރި ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބޭންކުން ވިދާޅުވި އެވެ.
މައްސަލައިގައި ރައުޔު ލިޔުއްވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ފާހަގަކުރެއްވީ، ޑެބިޓް އިންސްޓްރަކްޝަނާ ޚިލާފަށް ނުވަތަ އޭގެ އިތުރަށް ބޭންކުން އެއްވެސް މިންވަރެއް އުނިކުރިކަން ދައްކުވައިދޭ ހެއްކެއް، ދަށުކޯޓަށް ވެސް އަދި ހައިކޯޓަށް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
އެކައުންޓުން އިންޓްރެސްޓްގެ ގޮތުގައި ވެސް އަދަދުތަކެއް އުނިކޮށްފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް، އެޗްޑީސީއަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާއާއި، އެ މުއާމަލާތާ ގުޅިގެން އަރާ އިންޓްރެސްޓާއި، ޕީނަލް އިންޓްރެސްޓެއް އަރާނަމަ އެ އަދަދު ވެސް އުނިކުރުމުގެ އިޚްތިޔާރު، މުރުޝިދާ ބޭންކަށް ދިން އިންސްޓްރަކްޝަންގައި ދީފައިވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ރައުޔުގައި ވަނީ، "އެގޮތުގެ މަތީން ފައިސާ އުނިކުރުމުގައި ބޭންކުން މި މައްސަލައިގައި ހަދާފައިވާ ގޯހެއް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ" ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ، ފެންނަން އޮތް ހުރިހާ ކަމަކީ، މުރުޝިދާ އެދިގެން، އޭނާގެ ޑެބިޓް އިންސްޓްރަކްޝަނާ އެއްގޮތަށް ބޭންކުން ފައިސާ އުނިކޮށްފައިވާ ކަމާއި، ހުޅުވިކަމަށް ބުނާ އެކައުންޓަކީ އެ ފައިސާ އުނިކުރިކަން އެނގޭނެ ހިސާބު ބެލެހެއްޓި އެކައުންޓެއް ކަން ކަމަށެވެ. އެހެންކަމުން، މުރުޝިދާއަށް ނޭނގި ނުވަތަ އޭނާގެ ރުހުމެއް ނެތި އޭނާގެ ނަމުގައި އެޗްޑީސީއަށް ލޯނެއް ދޫކޮށްފައިނުވާ ކަމަށް ދަށުކޯޓުން ކަނޑައެޅުމުގައި ގާނޫނީ ގޮތުން ގޯހެއް ފާހަގަނުކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އިސްމާއީލް ޝަފީއު އެވެ. ފަނޑިޔާރު ޝަނީޒްގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވި އެވެ.

-01.jpg&w=3840&q=75)
