ތެޔޮ ބޭނުންކުރުން ހުއްޓާލުމުގެ ނަމުގައި އަނދިރީގައި ތިބެން ރާއްޖެއިން ބޭނުމެއް ނޫން: އަލީ ޝަރީފް
22 ނޮވެމްބަރު 2026 - 04:29

ތެލާއި ގޭހަށް ބަރޯސާވުން ހުއްޓާލުމަށް ދުނިޔެއިން މަސައްކަތްކުރާއިރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި، ރައްޔިތުން އަނދިރީގައި ބައިތިއްބައިގެން ކާބަން ނިއުޓްރަލް ވާން ރާއްޖެއިން ބޭނުން ނުވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ޖަރުމަނުގެ ޑީޑަބްލިއު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބިން ކުޑަކަމުން ގޭގޭގެ ފުރާޅުތަކުގައި އެކަނި ސޯލާ ޖަހައިގެން ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭނެ ކަމަށެވެ. އެހެންކަމުން ކަނޑުގެ ގަދަ ރާޅުތަކަށް ކެތްކުރެވޭ ފަދަ "ފްލޯޓިން ސޯލާ" ނިޒާމުތައް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި، މިދިޔަ މަހު ކުރި ބޯ ވިއްސާރައިގައި ބައެއް އާއިލާތައް ގެދޮރު ދޫކޮށް ދާންޖެހުނުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮޕް ބައްދަލުވުންތަކުގައި ރާއްޖެ ބައިވެރިވާތާ 31 އަހަރު ވެފައިވާއިރު، ކަންކަން ހާސިލުވާ ސްޕީޑް ލަސްކަން ފާހަގަކުރައްވައި، ކުދި ގައުމުތަކަށް މާލީ އެހީ ލިބުން ފަސޭހަކޮށްދިނުމަށާއި ޕްރައިވެޓް ސެކްޓަރަށް މި ދާއިރާގައި އިންވެސްޓް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އަލީ ޝަރީފް ގޮވާލެއްވި އެވެ.

-01.jpg&w=3840&q=75)
