މަތީ ތައުލީމަށް 3 އަހަރުތެރޭ 2.6 ބިލިޔަން ރުފިޔާ ހަރަދުކޮށްފި
22 ނޮވެމްބަރު 2026 - 05:02

ވޭތުވެދިޔަ 3 އަހަރުތެރޭގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން 2.6 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސްޓޫޑެންޓް ލޯން ސްކީމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި މުއްދަތުގައި ޖުމްލަ 11،161 ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 8،300 ދަރިވަރުން (399 މިލިޔަން ރުފިޔާ)، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 2267 ދަރިވަރުން (1599މިލިޔަން ރުފިޔާ) އަދި ސްކޮލަރޝިޕް ސްކީމްތަކުން 594 ދަރިވަރުން (670 މިލިޔަން ރުފިޔާ) ހިމެނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ދަރިވަރުން އެންމެ ގިނައިން އިހްތިހިޔާރުކޮށްފައިވަނީ އެކައުންޓިންގ ދާއިރާއެވެ. އެގޮތުން އެ ދާއިރާއިން 920 ދަރިވަރުން ކިޔަވަމުންދާއިރު، މުދައްރިސުންނަށް ވުމަށް 672 ދަރިވަރުން، ނަރުހުންނަށް ވުމަށް 634 ދަރިވަރުން، ޑޮކްޓަރުކަން ކިޔަވަން 502 ދަރިވަރުން އަދި އިންޖިނިއަރިންގް ދާއިރާތަކުން 451 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. މީގެ އިތުރުން ތެރަޕީގެ ދާއިރާތަކުން 377 ދަރިވަރުންނާއި އެލައިޑް ހެލްތު ދާއިރާތަކުން 324 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރެވެއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރުވެސް ލޯނަށް އެޕްލައިކުރި ޝަރުޠު ހަމަވާ އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު މަގްބޫލު އުޒުރެއް ނެތި ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖެ އައިސް ހިދުމަތް ނުކުރާނަމަ، ދައުލަތުން ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. އަދި އަތޮޅުތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ކެމްޕަސްތަކާއި ދަނާލުތައް ތަރައްގީކުރުމުގެ 21 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާއިރު، އިތުރު 13 މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

-01.jpg&w=3840&q=75)
