ރޮހިންޔާ ދަރިކޮޅުގެ މީހުން މެރިކަމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭ ކަމަށް ކަނޑައަޅައިފި
22 ނޮވެމްބަރު 2026 - 16:42

މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައަޅައިފި އެވެ.
މިއީ އައިސީޖޭއަށް ހުށަހެޅުނު މިފަދަ މައްސަލަތަކުގެ ތެރެއިން ގަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭ ކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މިޔަންމާގެ އުތުރުގައި އުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގި މައްސަލައިގައި އައިސީޖޭއަށް މައްސަލަ ހުށަހެޅީ ގެމްބިއާ އިންނެވެ.
މިމައްސަލައިގައި މިޔަންމާއިން ޒިންމާ އުފުލަންޖެހޭނެ ކަމަށް އައިސީޖޭ އިން ކަނޑައަޅައި ހުކުމް ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އައިސީޖޭގެ ހުކުމުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޖާގެ އެތައް ހާސް އާންމު ރައްޔިތުންނެއް މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާގެ އަމަލުތައް ހިންގައި، ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެއިތުރުން ގަތުލުއާންމު ހުއްޓުވުމަށާއި، އެކަން ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާއިން ނުކުޅެދިފައިވާ ކަމަށްވެސް ކޯޓުން ވަނީ ނިންމާފަ އެވެ.
އައިސީ.ޖޭގެ މި ނިންމުމުގައި 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަންސް"ގައި ބައިވެރިވި ކަމަށް އެކަށީގެންވާ ގޮތެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، އެކަމަށް ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި މިޔަންމާގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިނުމަށާއި، އެ އަމަލުތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ފުރުސަތު ދިނުމަށްވެސް ކޯޓުން ވަނީ އަންގާފައިވެ އެވެ.
ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން)ގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިއުލާންކުރި ގައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ އެޖެންޓަކީ ބަންޑާރަނައިބު އަހްމަދު އުޝާމް އެވެ. އަދި ދިވެހިރާއްޖެ ތަމްސީލްކުރެއްވި ވަކީލުންނަކީ ބެރިސްޓަ އަދި ޕްރޮފެސާ އަމާލް ކްލޫނީ އާއި، ބެރިސްޓާ އަދި ޕްރޮފެސާ ފިލީޕާ ވެބް ކޭސީ އެވެ.
މި މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވެ ހުށަހެޅި ހުށަހެޅުންތަކުގައި، ގަތުލުއާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން މިނިވަން އަދި މުސްތަގިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމުގެ ވާޖިބާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވަނީ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
