އޭސީއައި 7 ވަނަ އާރްއޯއެސްސީ ބައްދަލުވުމުގެ މަންދޫބުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔައިފި
23 ނޮވެމްބަރު 2026 - 15:23

އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭ.ސީ.އައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރް.އޯ.އެސް.ސީ)" ގެ ބައްދަލުވުމުގައި ބައިވެރިވާ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މަރުޙަބާ ކިޔައިފި އެވެ.
ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މި ބައްދަލުވުން ކުރިއަށްދަނީ މި މަހުގެ 23 އިން 25 އަށް ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައެވެ. މި ބައްދަލުވުމުގައި އެ ކޮމިޓީގެ 23 މެންބަރުންނާއި 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް މުޙައްމަދު މަންޞޫރެވެ. އަދި މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ. މީގެ އިތުރުން، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށާއި، އޮޕަރޭޝަންތަކުގައި ދިމާވާ އައު ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ މެދު ވެސް ތަޖުރިބާކާރުން މަޝްވަރާކުރައްވާނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތަކާއި ރާއްޖޭގައި ހިންގަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ސީޕްލޭން އޮޕަރޭޝަންތައް ޢަމަލީ ގޮތުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.އޭ.ސީ.އެލް އިން ބުނި ގޮތުގައި ސަރަޙައްދީ މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ އެ ކުންފުންޏަށާއި މުޅި ރާއްޖެއަށް ވެސް ލިބޭ ފަޚުރެކެވެ. އަދި މިއީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ ކަމާއި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

-01.jpg&w=3840&q=75)
