ސްކޭމަރުންގެ ދަލުގައި ޖެހި ޑްރައިވަރުންނާއި ޑެލިވަރީ މީހުން ކުށުގެ ޝިކާރައަކަށް ވެދާނެތީ ސަމާލުވާން އެދިއްޖެ
24 ނޮވެމްބަރު 2026 - 09:52

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނެގުމަށް ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިންގ ޑްރައިވަރުންނަށާއި، ޑެލިވަރީ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސްކޭމަރުން ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، އެ ފައިސާ ނަގުދުކޮށްގެން ހަވާލުކޮށްދިނުމުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންދާ ކަމަށެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފެނުނު ނަމަވެސް، މީގެ ސަބަބުން ނޭނގި ނަމަވެސް ބޮޑު މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިފަދަ ކަންކަން ހިންގުމުގައި ސްކޭމަރުން އެންމެ ފުރަތަމަ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވައެވެ. އަދި ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސީދާ އެ ފަރާތަށް ގުޅައިގެން މުއާމަލާތް ފަށައެވެ. އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް އެއްބަސްކުރުވުމުގެ ގޮތުން ދަތުރުގެ އަސްލު އަގަށްވުރެ ބޮޑު އަދަދެއް ޓިޕްސްގެ ގޮތުގައި ދިނުމަށް ވެސް ހުށަހަޅައެވެ.
ނަމަވެސް، މިގޮތަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ކަމަށާއި، އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން ޑްރައިވަރުންނަށް ނޭނގި ނަމަވެސް އެ އެހީތެރިވެވެނީ ކުށްވެރިން ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، ފައިސާ ދައުރުކުރި މަގު އޮޅުވާލުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.
އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، މިފަދަ މުއާމަލާތްތަކުގެ ސަބަބުން ސީރިއަސް މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން އިންޒާރު ދެއްވައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުން ހަނިކުރުން (ރެސްޓްރިކްޓް ކުރުން).
- ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ހުރަސްއެޅުން.
- މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމާއި، މާލީ ގޮތުން ޒިންމާ އުފުލަން ޖެހުން.
- ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި، މައްސަލަ ތަހުގީގު ކުރެވުން.
- ހާލަތާއި ބައިވެރިވެފައިވާ މިންވަރަށް ބަލައި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން.
ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެން ދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅިގެން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން މިފަދަ ޝައްކުކުރެވޭ މުއާމަލާތްތަކުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.

-01.jpg&w=3840&q=75)
