އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަން: މުއްތަލިބު
24 ނޮވެމްބަރު 2026 - 10:40

އަންނަ 2027 ވަނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތް ރަށްރަށުގައި އެ މަސައްކަތްތައް ނިންމުމަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިހާތަނަށް 43 ރަށެއްގައި ފެނުގެ ނިޒާމު އަދި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްކުރެވިފައި ނުވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
"ހުރިހާ ރަށެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ގާނޫނީ ގޮތުންވެސް ޒިންމާއެއް، މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ރަށްރަށުގައި މަސައްކަތް ހުއްޓިފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ނިންމުމަށް އެ ކުންފުންޏާއެކު މިހާރު ވާހަކަދެކެވެމުންދާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާ ގެ ދައުލަތުގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ފާސްކުރި ބަޖެޓުން ޖުމްލަ 52.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން 77 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 33.6 ބިލިއަން ރުފިޔާއެވެ. ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވެނީ 129.5 ބިލިއަން ރުފިޔާގައެވެ.

-01.jpg&w=3840&q=75)
